ފުލުހުންގެ ހިސާބުތަކުން ދައްކާގޮތުގައި މެއި 31 އިން ޖޫން 6 އަށް 33 ސްކޭމް މައްސަލައެއް ރިޕޯޓުކޮށް، އޭގެ ތެރެއިން 150,693.00 ރުފިޔާ އަނބުރާ ހޯދައިދީފިއެވެ.
މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ސްކޭމްގެ 33 މައްސަލައެއް ވަނީ ހުށަހެޅިފައެވެ. މި މައްސަލަތަކުގައި ޖުމްލަ 258,356.00 ރުފިޔާ އާންމުންގެ އަތުން ފޭރިގަނެފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ. ނަމަވެސް، ކަމާ ގުޅުންހުރި އިދާރާތަކާއި ބޭންކުތަކާ ގުޅިގެން ކުރި މަސައްކަތުން، އެ ފައިސާގެ ތެރެއިން 150,693.00 ރުފިޔާ އަނބުރާ ހޯދައިދެވިފައިވާކަން ފުލުހުން ކަށަވަރުކޮށްދެއެވެ.
ފުލުހުން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ހަފުތާގައި އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރިއާ ގުޅުންހުރި ސްކޭމްތަކެވެ. އެގޮތުން އީ-ކޮމާސްގެ 19 މައްސަލައަކާއި، ފައިސާ މާރުކުރުމުގެ 4 މައްސަލައަކާއި، އޮޅުވާލައިގެން އެހެން މީހެއްގެ ނަމުގައި ފައިސާ ހޯދުމުގެ 3 މައްސަލައެއް ހިމެނެއެވެ. މީގެ އިތުރުން އެހެނިހެން ބާވަތުގެ 7 މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވެއެވެ. މި ސްކޭމްތައް ހިންގުމަށް އޮންލައިން މެސެޖިންގް، އައިބޭ، ފޯން ކޯލް، ފިޝިން ލިންކް އަދި ފޭސްބުކް މާކެޓްޕްލޭސް ފަދަ މަންސަތައް ބޭނުންކޮށްފައިވާކަން ފާހަގަކުރެވެއެވެ.
އޮންލައިންކޮށް ވިޔަފާރިކުރާއިރު މުދާ ވިއްކާ ފަރާތްތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކުރައްވާފައެވެ. ޚާއްޞަކޮށް، ދަންނަ މީހުން ނޫން ކަމަށްވާނަމަ ކުރިއާލާ ފައިސާ ފޮނުވުމުން ދުރުހެލިވުމަށާއި، މުދާ ލިބޭނެކަން އެކި ގޮތްގޮތުން ޔަގީންކުރުމަށް ފުލުހުން ވަނީ އާންމުންނަށް އިރުޝާދު ދެއްވާފައެވެ. ސްކޭމްގެ މައްސަލަތައް ރިޕޯޓު ކުރުމަށް ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުގެ ހޮޓްލައިން 125 އަށް ގުޅުމަށް ހުޅުވާލާފައިވާއިރު، ގެއްލޭ ފައިސާ އަނބުރާ ހޯދުމަށާއި ކުށްވެރިން އަތުލައިގަތުމަށް ބޭންކުތަކާއި ގުޅިގެން ހާއްސަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.