ޝަމްއާންގެ މައްޗަށް ތިން ދައުވާ ވެސް ސާބިތުވާ ކަމަށް ކަނޑައަޅައިފި

Screenshot 2026-06-09 at 17.35.08

އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުގައި ހުންނެވި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުލަތުން އުފުލި ތިން ދައުވާ ވެސް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ. ޝަމްއާންގެ މައްޗަށް ސާބިތުވެފައިވަނީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އަދި މަނީ ލޯންޑްރިންގެ ދައުވާ އެވެ.

މި މައްސަލާގައި ހުކުމް އިއްވުމަށްފަހު މިހާރު ކުރިއަށް ދަނީ އަދަބާ ގުޅޭ ގޮތުން ދެ ފަރާތުން ވާހަކަ ދެއްކުމެވެ. ޝަމްއާންގެ މައްޗަށް ކަނޑައަޅާނެ އަދަބެއް ގާޒީ ނިންމަވާނީ ދެ ފަރާތުގެ ވާހަކަތައް އަޑުއެހުމަށްފަހު އެވެ. ދައުލަތުން ވަނީ ޝަމްއާންގެ މައްޗަށް އެންމެ ބޮޑު އަދަބު ކަނޑައަޅައިދިނުމަށް އެދިފަ އެވެ. އެގޮތުން، ފޭރުމުގައި ބައިވެރިވިކަމުގެ ދައުވާގެ އަސާސީ އަދަބު އަށް އަހަރުގެ ޖަލު ހުކުމަކަށް ބޮޑުކުރުމަށާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި ދެ އަހަރުގެ ޖަލު ހުކުމެއް ކަނޑައަޅައިދިނުމަށް ދައުލަތުން އެދިފައިވެ އެވެ.

މަނީ ލޯންޑްރިންގެ ދައުވާގެ އަދަބަކަށް 15 އަހަރުގެ ޖަލު ހުކުމަކާއި ދެ މިލިއަން ރުފިޔާއިން ޖޫރިމަނާކުރުމަށް ވެސް ދައުލަތުން އެދިފައިވެ އެވެ. އަދި ޝަމްއާންގެ ގެއިން ފެނުނު ފައިސާއަކީ ކުށްކޮށްގެން ހޯދި ފައިސާކަން އެނގިހުރެ އެ ފައިސާ ބޭނުންކޮށްފައިވާ ކަން ކޯޓަށް ސާބިތުވާ ކަމަށް ހުކުމުގައި ބަޔާންކޮށްފައިވެ އެވެ. ޝަމްއާންގެ ދިފާއީ ވަކީލުން ވަނީ މި މައްސަލައިގައި ލުއި އަދަބެއް ދިނުމަށާއި ޖަލު ބަންދުގެ ބަދަލުގައި ޖޫރިމަނާ ކުރުމަށް ނުވަތަ ގޭބަންދު އަދަބެއް ކަނޑައަޅައިދިނުމަށް އެދިފަ އެވެ.

ދައުލަތުން ހުށަހެޅި ހެކިތަކުން ދައްކާ ގޮތުގައި، ބިދޭސީއެއްގެ އަތުން ފޭރިގަތުމަށްފަހު އެ ފައިސާ ޝަމްއާންގެ ސްޓޫޑަންޓް ލޯނުތަކަށް ދެއްކުމަށް ބޭނުންކޮށްފައިވެ އެވެ. ހުކުމްގައި ބުނެފައިވާ ގޮތުން، ބިދޭސީންގެ އަތުން ފޭރުނު ފައިސާ ބަލައިގަނެ، އެއީ ކުށްކޮށްގެން ހޯދި ފައިސާކަން އެނގިހުރެ ޝަމްއާން އަމަލުކޮށްފައިވަނީ ގާނޫނާ ހިލާފަށެވެ. ޝަމްއާންގެ މައްޗަށް ހުކުމް ކަނޑައެޅުމުގެ މަސައްކަތް ކޯޓުން މިހާރު ކުރަމުންދާއިރު، ދައުލަތުން ވަނީ ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވައިގެން ހިންގާ މިފަދަ ކުށްތަކަށް ހަރުކަށި އަދަބު ދިނުމަށް އެދިފަ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ