ޝަމްއާން 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

Screenshot 2026-06-09 at 18.40.41

އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުގައި ހުންނެވި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް އުފުލި ދައުވާތައް ސާބިތުވެ، ޖުމްލަ 25 އަހަރުގެ ޖަލު ހުކުމެއް ކުރިމިނަލް ކޯޓުން މެއި 17، 2026 ގައި އިއްވައިފިއެވެ.

ޝަމްއާންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ފޭރުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދެ ދައުވާއެއްގެ އިތުރުން މަނީ ލޯންޑަރިންގެ އެއް ދައުވާއެވެ. މި ދައުވާތައް ސާބިތުވުމާ ގުޅިގެން މަނީ ލޯންޑަރިންގެ ކުށުގައި 15 އަހަރު، ފޭރުމުގައި ބައިވެރިވިކަމުގެ ކުށުގައި އަށް އަހަރު އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގައި ދެ އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.

މަގާމުގެ ނުފޫޒު ބޭނުންކޮށް ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދިކަމުގެ ތުހުމަތުގައި ޝަމްއާން ހައްޔަރުކުރީ މާޗު 2025 ގައެވެ. ދައުލަތުން ހުށަހެޅި ހެކިތަކުން އެނގޭ ގޮތުގައި، އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ރިސްކު ޑިޕާޓްމެންޓުގެ ހުއްދަނެތި ބިދޭސީއަކު ދިރިއުޅޭ ގެއެއް ރެއިޑުކޮށް، އެތަނުން ފައިސާ ފޭރިގަނެ، އެ ބިދޭސީ މީހާ ބަންދުން ދޫކޮށްލާފައިވެއެވެ. އަދި އެ ފައިސާގެ ތެރެއިން ބޮޑު ބައެއް ޝަމްއާން ބަލައިގަނެ، އަމިއްލަ ކަންކަމަށް ހަރަދުކޮށް މަނީ ލޯންޑާކޮށްފައިވާ ކަމަށް ދައުލަތުން ތުހުމަތުކޮށްފައިވެއެވެ.

ޝަމްއާންގެ ފަރާތުން މި ދައުވާތައް ދޮގުކޮށްފައިވެއެވެ. ދިފާއީ ވަކީލު ނޫރުއްސަލާމް ވިދާޅުވީ، ރެއިޑުގެ ހުރިހާ ކަމެއް އިސްވެ ކޮށްފައިވަނީ ލައްސާން ނަމަކަށް ކިޔާ މުވައްޒަފަކު އަމިއްލައަށް ކަމަށެވެ. އަދި ޝަމްއާންގެ ގެއިން ފެނުނު ފައިސާއަކީ ސައްހަ ގޮތުގައި ހޯދާފައިވާ ފައިސާ ކަމަށާއި، އޭނާގެ މައްޗަށް ހުށަހެޅި ހެކިތަކަކީ ނުފޫޒު ފޯރުވައިގެން ހޯދި ހެކިތަކެއް ކަމަށް ވަކީލު ވަނީ ޝަރީއަތުގައި ފާހަގަކުރައްވާފައެވެ. މި މައްސަލައިގައި ބަންދާ ގުޅޭގޮތުން ހައިކޯޓާއި ސުޕްރީމް ކޯޓުގައި ވެސް މައްސަލަތަކެއް ބެލިފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ