އިންޑިއާގެ ފުރަތަމަ ބޮޑުވަޒީރު ޖަވާހަރްލާލް ނެހުރޫ ގާއިމުކުރައްވާފައިވާ ރެކޯޑު މުގުރާލައްވައި، މެދުކެނޑުމެއްނެތި އެންމެ ގިނަ ދުވަހު އެ ގައުމުގެ ބޮޑުވަޒީރުކަން ކުރެއްވި ލީޑަރުގެ މަގާމު ނަރެންދުރަ މޯދީ ހޯއްދެވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މަރުހަބާ ވިދާޅުވީ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ރައީސް ވަނީ މޯދީ ހޯއްދެވި ތާރީޚީ ކާމިޔާބީ ފާހަގަކުރައްވައި، އެމަނިކުފާނަށް ތަހުނިޔާ ފޮނުއްވާފައެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ރާއްޖެއިން އަބަދުވެސް އިސްކަންދޭނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބޮޑުވަޒީރު މޯދީ ވަނީ ވިދިވިދިގެން 4,399 ދުވަހު އެ މަގާމު ފުރުއްވާފައެވެ. މީގެ ކުރިން މި ރެކޯޑު އޮތީ 1952 އިން 1964 އަށް، ޖުމްލަ 4,398 ދުވަހު އިންޑިއާގެ ބޮޑުވަޒީރުކަން ކުރެއްވި ޖަވާހަރްލާލް ނެހުރޫގެ އަތްޕުޅުގައެވެ. މޯދީ މި މަގާމާ ފުރަތަމަ ހަވާލުވެވަޑައިގަތީ މީގެ 12 އަހަރު ކުރިން، 26 މެއި 2014 ގައެވެ.
ރައީސްގެ މެސެޖުގައި އިތުރަށް ވިދާޅުވީ، ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަ އިހުތިރާމާއި، އިސްތިގުލާލީ ހަމަހަމަކަމުގެ މައްޗަށް ބިނާކޮށް، ރާއްޖެއާއި އިންޑިއާގެ ލާބައާއި މަންފާއަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. މޯދީ ވަނީ 2014 އަދި 2019 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު، މިދިޔަ ޖޫން މަހުގެ 9 ވަނަ ދުވަހު ތިންވަނަ ދައުރަކަށް ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވާފައެވެ.