މަސްވެރިކަމާއި ގުޅޭ

ތައްމަސް- ފޮޓޯ: ފިޝްވައިސްޕްރޯ

ތައްމަސް

ތައްމަހަކީ ރާއްޖޭގެ އަތޮޅުތަކުގައި ވަރަށް ގިނައިން އުޅޭމަހެކެވެ.

މިއީ އޮރީގެ ބާވަތެކެވެ. މިމަސް އެންމެ ބޮޑުވަނީ 43 ސެންޓިމީޓަރަށެވެ. މިބާވަތް އާންމުކޮށް އުޅޭނީ ތިލަފަޅުގައްޔާއި، މޫދުވިނަ ހެދިފައިހުންނަ ހިސާބުތަކުގައި އައިން ހަދައިގެންނެވެ. މިއީ ދިވެހިން ވަރަށް ގިނައިން ކެއުމަށް ބޭނުންކުރާ މީރު މަހެކެވެ. މިމަހަށް ރާއްޖޭގެ އެކި ހިސާބުތަކުން ތަފާތު ނަންނަން ކިޔައެވެ. މީގެތެރެއިން "ގަލުއޮރި" އަކީ މިމަހަށް ކިޔާ ފާހަގަކޮށްލެވޭ ނަމެކެވެ.

ތައްމަހަކީ ކުކުޅު ބިސްބުރަށް ފަތިކޮށްހުންނަ މަހެކެވެ. މަހުގެ ކަރުތާފަތްގަނޑުގެ މައްޗާއެކު މުޅިމަހުގައި ކުދި ހުޅުނބުހުރެއެވެ. މަހުގެ ކޮތަރިބައިގެ ކަށިތައް ވަރަށް ތޫނެވެ. އަދި މިކަށިތަކުގެ ސަބަބުން މިމަސް ހިފާގެންގުޅޭއިރު ރައްކާތެރިވެ މިކަމަށް ވިސްނަންޖެހެވެ، މަހުގެ މަތީބައިގެ ކުލައަކީ ނޫކުލައެވެ. ބަނޑުދޮށްފަރާތުގެ ކުލައަކީ ރިހިކުލައެވެ. މަހުގެ ދިގަށް ކެނޑިކެނޑިފައި ހުންނަ ރަން ރޮނގުތަކެއް ހުރެއެވެ. އަދި މަހުގެ މަތީބައިގެ މަޑުކަށިތަށް ނިމޭތާގެ ތިރީގައި ރަންކުލައިގެ ބޮޑުލަފެއް ހުރެއެވެ.

މަހުގެ ބުރިކަށިމަތީ ކޮތަރިބައިގައި 13 ހަރުކައްޓާއެކު 10 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 7 ހަރުކައްޓާއެކު 9 މަޑުކަށިހުރެއެވެ. މަހުގެ ނިގޫފަތް ހުންނަނީ ކުޑަކޮށް ފަތިކޮށެވެ. މިމަހުގެ އާންމު ކާނާއަކީ މޫދުފެއްސެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސި ނަން: Goldlined rabbitfish
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!