މަސްތުވާތަކެތީގެ މައްސަލަތަކުގައި ކޮންޓްރޯލްޑް ޑެލިވަރީއާއި ކުޑަކަމުދާ އެއްޗެހި ތަހުލީލުކުރުމުގެ އާ ގަވާއިދަށް އަމަލުކުރަން ފަށައިފި

ފުލުހުންގެ އޮޕެރޭޝަން އެއްގެ ތެރެއިން ބަޔަކު ބަލައި ފާސް ކުރަނީ. ފޮޓޯ: ޕޮލިސް
ފުލުހުންގެ އޮޕެރޭޝަން އެއްގެ ތެރެއިން ބަޔަކު ބަލައި ފާސް ކުރަނީ. ފޮޓޯ: ޕޮލިސް

މަސްތުވާތަކެތީގެ މައްސަލަތައް ތަހުގީގު ކުރުމުގައި އަމަލުކުރާނެ އިޖުރާއަތުތަކާއި އުސޫލުތައް ބަޔާންކުރާ އާ ގަވާއިދެއް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް، އެއަށް އަމަލުކުރަން ފަށައިފިއެވެ.

"މަސްތުވާތަކެތީގެ މައްސަލަތަކުގައި ކޮންޓްރޯލްޑް ޑެލިވަރީ ހިންގުމާއި، ކުޑަކަމުދާ އެއްޗެހި ދިނުމަށް އެންގުމާއި، އެ އެއްޗެހި ތަޙުލީލުކުރުމަށް ފޮނުވުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" ގެ ނަމުގައި އެކުލަވައިލި މި ގަވާއިދު ގެޒެޓްކޮށްފައިވަނީ މި ޖޫން މަހުގެ 9 ވަނަ ދުވަހުއެވެ.

މި ގަވާއިދަކީ މަސްތުވާތަކެއްޗާބެހޭ ގާނޫނު (ގާނޫނު ނަންބަރު 17/2011) ގެ ދަށުން ބާރުލިބިގެން، ފުލުހުންގެ ހިދުމަތުން އެކުލަވައިލާފައިވާ ގަވާއިދެކެވެ. މީގެ މައިގަނޑު މަގުސަދަކީ މަސްތުވާތަކެތީގެ ތަހުގީގުތަކުގައި ކޮންޓްރޯލްޑް ޑެލިވަރީ ހިންގުމާއި، މަސްތުވާތަކެތި ބޭނުންކުރިކަމުގެ ތުހުމަތުގައި ކުޑަކަމުދާ ތަކެތި ހޯދުމުގައި އަމަލީގޮތުން އަމަލުކުރާނެ ސާފު އުސޫލުތަކެއް ކަނޑައެޅުމެވެ. މިކަމުގެ ސަބަބުން ތަހުގީގު ކުރާ ފަރާތްތަކަށް ޖަވާބުދާރީވަނިވި ގޮތެއްގައި މަސައްކަތް ކުރުމަށް މަގުފަހިވެގެންދާނެއެވެ.

ގަވާއިދުގައިވާ ގޮތުން، ކޮންޓްރޯލްޑް ޑެލިވަރީގެ އޮޕަރޭޝަންތައް ކުރިއަށް ގެންދެވޭނީ ކޮމިޝަނަރ އޮފް ޕޮލިސް ނުވަތަ އެކަމަށް ހާއްސަކޮށް ކަނޑައަޅާފައިވާ ފުލުހުންގެ އިސް އޮފިސަރެއްގެ ހުއްދަ ލިބިގެންނެވެ. ކޮންމެ އޮޕަރޭޝަނަކަށް ވެސް ވަކިވަކިން ހުއްދަ ހޯދަންޖެހޭއިރު، އެ ހުއްދަ ދިނުމުގައި މައްސަލައިގެ ބާވަތަށާއި، ސަލާމަތީ ކަންކަމުގެ އިތުރުން ތަހުގީގަށް ލިބޭނެ ކުރިއެރުމަށް ރިއާޔަތްކުރަން ޖެހެއެވެ.

މީގެ އިތުރުން، މިފަދަ އޮޕަރޭޝަންތަކުގައި މަސްތުވާތަކެތީގެ ބަދަލުގައި އެހެން އެއްޗެއް (ސަބްސްޓިޓިއުޓެއް) ބޭނުންކުރުމާއި، އޮޕަރޭޝަން މެދުކަނޑާލުމާއި، އަދި އޮޕަރޭޝަން ނިމުމުން އެކަމުގެ ރިޕޯޓް ހުށަހަޅާނެ ގޮތްތައް ވެސް މި ގަވާއިދުގައި ތަފްސީލުކޮށްދީފައިވެއެވެ.

މަސްތުވާތަކެތި ބޭނުންކުރިކަމުގެ ތުހުމަތުކުރެވޭ މީހުންގެ ކުޑަކަމުދާ އެއްޗެހި ނެގުމާ ގުޅޭގޮތުން މި ގަވާއިދުން ގެނައި އެންމެ ބޮޑު އެއް ބަދަލަކީ، ސާމްޕަލް ދިނުމަށް އިންކާރުކުރިކަމަށް ބެލެވޭނެ ވަގުތު 12 ގަޑިއިރަށް ކުޑަކުރުމެވެ. މީގެ ކުރިން މިކަމުގައި އަމަލުކުރަމުން އައި އުސޫލަށްވުރެ މި ވަގުތު ކުޑަވުމަކީ ތަހުގީގުތަކަށް ލިބޭނެ ބޮޑު ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ސާމްޕަލް ނެގުމާއި، އެ ތަކެތި ރައްކާތެރިކަމާއެކު ލެބޯޓްރީއަށް ފޮނުވުމުގެ އިޖުރާއަތްތައް ވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. އަދި ގާނޫނުގައިވާ ގޮތުގެ މަތިން، ފުލުހުންގެ ފޮރެންސިކް ލެބޯޓްރީ ނޫން އެހެން ރަސްމީ ލެބޯޓްރީއަކުން ސާމްޕަލް ތަހުލީލުކުރުމަށް އެދުމުގެ ފުރުސަތު ސާމްޕަލް ދޭ ފަރާތަށް ލިބިގެންވާކަން ވެސް ގަވާއިދުގައި ކަށަވަރުކޮށްދީފައިވެއެވެ.

މި ގަވާއިދު ޝާއިއުކުރުމާއެކު، މަސްތުވާތަކެތީގެ ވިޔަފާރިއާއި، އެ ތަކެތި އެތެރެކުރުމާއި ބޭނުންކުރުން ހުއްޓުވުމަށް ކުރާ މަސައްކަތްތަކަށް ގާނޫނީ އިތުރު ބާރެއް ލިބިގެންދާނެއެވެ. މިއީ މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ރައްކާތެރިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު މުހިންމު ކުރިއެރުމެކެވެ. މި ގަވާއިދަށް އަމަލުކުރަން ފަށާފައިވަނީ ގެޒެޓުގައި ޝާއިއުކުރި ދުވަހުން ފެށިގެންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ