މިދިޔަ މޭ މަހު ދައުލަތަށް 2.05 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިރާއިން މަހުން މަހަށް އާންމު ކުރާ ތަފާސްހިސާބުތަކަށް ބަލާއިރު މޭ މަހު އާމްދަނީ ލަފާކުރި މިންވަރަށްވުރެ ދަށެވެ.
މީރާގެ ރިޕޯޓުން އެނގޭ ގޮތުގައި މޭ މަހު ލިބުނު ޖުމްލަ އާމްދަނީގެ ތެރޭގައި 88.54 މިލިޔަން ޑޮލަރު ހިމެނެއެވެ. މިއީ އޭގެ ކުރީ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %5.8 ގެ ދަށްވުމެކެވެ. އާމްދަނީ ދަށްވާނެކަމަށް މީރާއިން ކުރިންވެސް %0.3 އަށް ލަފާކޮށްފައި އޮތް ނަމަވެސް، އަންދާޒާކުރި ވަރަށްވުރެ ނަތީޖާ ދަށްވީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު %19.5 އަށް ވެއްޓުމާ ގުޅިގެންނެވެ.
މީގެ ސަބަބުން ޖީއެސްޓީ، ފަތުރުވެރިކަމުގެ ބިމު ކުލި އަދި ބިދޭސީންގެ ކޯޓާ ފީ ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ނަމަވެސް، އަލަށް ލިބެން ފެށި "ލީސް އެކްސްޓެންޝަން ފީ" ގެ ސަބަބުން އާމްދަނީ އެއްކޮށް ވެއްޓުނަނުދީ ހިފެހެއްޓުނެވެ.
މޭ މަހުގެ އާމްދަނީގެ %21.9 އަކީ މީރާގެ ހަރުދަނާ އިސްނެގުމުގެ ދަށުން، ދައުލަތަށް ނުލިބި ގިނަދުވަސްވެފައި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތްތަކެވެ. އެގޮތުން ޖުމްލަ 382 މިލިޔަން ރުފިޔާ ވަނީ ދައުލަތުގެ ބަޖެޓަށް އަލުން ހޯދާފައެވެ.
- އާންމު ނޯޓިސް ފޮނުވައިގެން: 242.13 މިލިޔަން ރުފިޔާ
- ޑިއުސް ކްލިއަރެންސް މަރުހަލާއިން: 68.19 މިލިޔަން ރުފިޔާ
- އިންސްޓޯލްމެންޓް އުސޫލުން: 58.98 މިލިޔަން ރުފިޔާ
- ފޯނާއި އީމެއިލް މެދުވެރިކޮށް ހަނދުމަކޮށްދީގެން: 9.24 މިލިޔަން ރުފިޔާ
- ގާނޫނީ ފިޔަވަޅު އަޅައިގެން: 3.40 މިލިޔަން ރުފިޔާ