ފުލުސް އޮފިސަރުގެ ހަށިގަނޑު ނެގުމުގައި އެހީތެރިވި ޑައިވަރުންނަށް ހޯމް މިނިސްޓަރާއި ސީޕީ ޝުކުރު އަދާކުރައްވައިފި

މޫދު އަޑިން ފުލުސް އޮފިސަރު ނެގުމުގައި އެހީތެރިވި ދެ ޑައިވަރުން
މޫދު އަޑިން ފުލުސް އޮފިސަރު ނެގުމުގައި އެހީތެރިވި ދެ ޑައިވަރުން

ފުލުހުންގެ ލޯންޗެއްގައި ރަސްމީ ޑިއުޓީގައި އުޅެނިކޮށް ކަނޑަށް ވެއްޓި ގެއްލުނު ފުލުސް އޮފިސަރަކު ހޯދުމަށް ހިންގި އޮޕަރޭޝަނުގައި، އަމިއްލަ އިސްނެގުމާއެކު އެހީތެރިކަން ފޯރުކޮށްދިން ދެ ޑައިވަރުންނަށް ދިވެހި ސަރުކާރާއި ފުލުހުންގެ މުއައްސަސާގެ ފަރާތުން ޝުކުރު އަދާކޮށްފިއެވެ.

މި އޮޕަރޭޝަނުގައި ބައިވެރިވި ދެ ޑައިވަރުންނަށް ވަކިވަކިން ފޯނުން ގުޅުއްވައި ޝުކުރު އަދާކުރެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ޢަލީ އިހުސާނާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ.

މި ހާދިސާގައި ފުލުހުންނަށް އެހީތެރިވެދީފައިވަނީ ކ. ގާފަރު، ބްލޫ ހެވަން، އަޙްމަދު ފައިޞަލްގެ އިތުރުން އއ. އުކުޅަސް، މީރާޒް، ޞައްދާމު އަޙްމަދެވެ. މި ދެ ބޭފުޅުންނަކީ 2026 ޖޫން 11 ވީ ބުރާސްފަތި ދުވަހުގެ ފަތިހުގެ ވަގުތެއްގައި، ފުލުހުންގެ 'ލޯންޗު 57' ގައި ރަސްމީ ޑިއުޓީގައި އުޅުނު އޮފިސަރަކު ގެއްލުމާ ގުޅިގެން، އެ އޮފިސަރު ހޯދުމަށާއި ހަށިގަނޑު މޫދު އަޑިން ނެގުމުގެ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރި ދެ ފަރާތެވެ. މި އޮޕަރޭޝަނަކީ ގިނަ ގޮންޖެހުންތަކަކާއެކު ކުރިއަށްދިޔަ ނާޒުކު މަސައްކަތެއްކަން ފާހަގަކުރެވެއެވެ.

މިނިސްޓަރާއި ކޮމިޝަނަރ އެ ދެ ޑައިވަރުންނަށް ގުޅުއްވައި، އެ ނާޒުކު ވަގުތުގައި އެއްވެސް ފަސްޖެހުމެއް ނެތި ދެއްވި އެއްބާރުލުމަށްޓަކައި އެ ބޭފުޅުންގެ އަމިއްލަ ނަންފުޅުގައާއި މުޅި ފުލުހުންގެ މުއައްސަސާގެ ނަމުގައި ވަނީ އިޚްލާޞްތެރި ޝުކުރެއް ރައްދުކުރައްވާފައެވެ. އަދި މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ އެހީތެރިކަމަކީ ދިވެހި މުޖުތަމައުގެ އެއްބައެއްވަންތަކަމާއި އޯގާތެރިކަން ހާމަކޮށްދޭ މަތިވެރި ނަމޫނާއެއްގެ ގޮތުގައި އެ ބޭފުޅުން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ކުއްލި ހާލަތްތަކުގައި ސަލާމަތީ ހިދުމަތްތަކާއި އާންމު ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން، މި އޮޕަރޭޝަނުގައި އެ ދެ ޑައިވަރުން ފޯރުކޮށްދިން އެހީތެރިކަމަކީ ވަރަށް އަގުހުރި ޚިދުމަތެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިފަދަ ނުރައްކާތެރި އަދި ހިތާމަވެރި ހާދިސާތަކުގައި އާންމުންގެ ފަރާތުން ލިބޭ މިފަދަ އެހީތެރިކަމަކީ ފުލުހުންގެ މަސައްކަތްތަކަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއްކަމަށްވެސް އެ ބޭފުޅުން ވިދާޅުވިއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުންގެ މުއައްސަސާއިން އަންނަނީ އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ