ޖަޕާނާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ނައިބު ރައީސް މަޝްވަރާކުރައްވައިފި

ޖަޕާނު ސަފީރު އިޝިގާމީ ރުމިކޯ، ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގެ ތެރެއިން
ޖަޕާނު ސަފީރު އިޝިގާމީ ރުމިކޯ، ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގެ ތެރެއިން

ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހަރ އެކްސަލަންސީ އިޝިގާމީ ރުމިކޯ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު އޮތް ޒަމާންވީ، ބަދަހި ގުޅުން ކުރިއަށް އޮތް ތަނުގައިވެސް އެގޮތުގައި ދެމިއޮންނާނެކަމުގެ ޔަގީންކަން ދެ ބޭފުޅުން ވަނީ ދެއްވާފައެވެ. މީގެއިތުރުން، ދެޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރެވުނުތާ 60 އަހަރު ފުރުން، ކުރިއަށް އޮތް އަހަރު ފާހަގަކުރުމަށް ތައްޔާރުވަމުންދާއިރު، ދެޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ދެއްވަމުން ގެންދަވާ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވަމުން، މީހުން ބިނާކުރުމާއި، ޢުމުރާނީ ތަރައްޤީއާއި، ތަޢުލީމާއި، ކުޅިވަރު ކުރިއެރުވުމުގެ ދާއިރާއިން ޖަޕާނުން ވެދެމުންދާ އެހީތެރިކަން ނައިބު ރައީސް ޚާއްޞަގޮތެއްގައި ފާހަގކުރެއްވިއެވެ. މީގެއިތުރުން، މޫސުމަށް އަންނަ ބަދަލުތަކާއި، ކާރިސާ މެނޭޖްކުރުމުގެ ދާއިރާއިންނާއި އިޖުތިމާޢީ ގުޅުންތައް ތަރައްޤީކުރުމުގެ ދާއިރާއިން ލިބެމުންދާ އެހީތެރިކަމަށްވެސް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

މި ބައްމަދުވުމުގައި ދެ ބޭފުޅުން ވަނީ ދެޤައުމުގެ ދޭދޭ ފަރުދުންގެ މެދުގައި އުފެދެމުންދާ ގުޅުމަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ފަތުރުވެރިކަމާއި، އިޤްތިޞާދީ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް ދެ ބޭފުޅުންގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

ބައްދަލުވުން ނިންމަވާލައްވަމުން، ދެ ބޭފުޅުންވެސް ވަނީ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުން، ކުރިއަށް އޮތް ތަނުގައިވެސް އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ