މާތް ﷲއަށް ވަކީލުކުރުމަކީ، ވަކީލުކޮށްފީމޭ ބުނެ ދެއަތް އުރާލައިގެން ހުރުމެއް ނޫން: ހުކުރު ހުތުބާ

Simple-OG (2)

މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ ކީރިތި ރަސޫލާ ﷺ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައިގެ މަތިވެރި ހާދިސާއިން ލިބިދޭ މުހިންމު ފިލާވަޅުތަކުގެ މައްޗަށެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ތައްޔާރުކޮށްފައިވާ މި ހުތުބާގައި ބުނެފައިވަނީ، ހިޖުރައިގެ އެންމެ މަތިވެރި އަދި މާތް މާނައަކީ ނުބައި ކަންތައްތައް ދޫކޮށް، ހެޔޮ މަގަށް ރުޖޫޢަވުން ކަމަށެވެ. އަދި މިއީ ހަމައެކަނި އެއް ގައުމުން އަނެއް ގައުމަށް ދިއުން ނޫން ކަމަށާއި، މިއީ އަމިއްލަ ނަފްސު އިސްލާހުކުރުމުގެ މަތިވެރި ދަތުރެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ފާހަގަކޮށްފައިވާ ގޮތުގައި، ހިޖުރައިގެ ހާދިސާއިން ލިބިދޭ އެންމެ އަގުހުރި އެއް ފިލާވަޅަކީ ދީނަށްޓަކައި ގުރުބާންވުމުގެ މަތިވެރި ނަމޫނާއެވެ. އެގޮތުން، ރަސޫލާ ﷺ އެކަލޭގެފާނު އުފަންވެ ބޮޑުވި ރަށް ކަމަށްވާ މައްކާ ދޫކުރައްވައި ކުރެއްވި ދަތުރާއި، އުންމު ސަލަމާ އާއި ޞުހައިބުއް ރޫމީ ފަދަ ސަހާބީން ދީނަށްޓަކައި ވެވަޑައިގެންނެވި މަތިވެރި ގުރުބާނީތަކުގެ މައްޗަށް ހުތުބާގައި އަލިއަޅުވާލާފައިވެއެވެ. އުންމު ސަލަމާގެ އާއިލާއިން އެކަމަނާގެ ފިރިކަލުންނާއި ދަރިފުޅާ ވަކިކޮށް، ކުރިމަތިލާންޖެހުނު ހިތްދަތި ހާދިސާއާއި، ޞުހައިބުއް ރޫމީ އެކަލޭގެފާނުގެ މުޅި މިލްކިއްޔާތު މުޝްރިކުންނަށް ދޫކޮށްލެއްވުމަށްފަހު ހިޖުރަކުރެއްވި ހާދިސާ ހުތުބާގައި ހަނދާންކޮށްދިނެވެ.

މީގެ އިތުރުން، ކޮންމެ ކަމެއް ކުރުމުގައިވެސް ދުރާލާ ރޭވުންތެރިކަމާއެކު މަސައްކަތް ކުރުމާއި މަސްއޫލިއްޔަތުތައް ބެހުމުގެ މުހިންމުކަން ހިޖުރައިގެ ހާދިސާއިން ސާބިތުވާ ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އެގޮތުން އަބޫބަކުރުގެފާނު ހަތަރު މަސް ކުރިން ދަތުރުގެ ސަވާރީތައް ތައްޔާރުކުރެއްވުމާއި، ރަސޫލާ ﷺ އަވަހާރަކޮށްލަން މުޝްރިކުން ރޭވި ރޭ ޢަލީގެފާނު އެކަލޭގެފާނުގެ ދާންކޮޅުގައި އޮށޯންނެވުމާއި، އަސްމާ ބިންތި އަބީބަކުރު ކާބޯތަކެތި ފޯރުކޮށްދެއްވުމުގެ ބުރަ މަސްއޫލިއްޔަތު އުފުއްލެވިކަން ހުތުބާގައި ފާހަގަކުރިއެވެ. އަދި އަބްދުﷲ ބިން އަބީބަކުރު މައްކާގެ ހަބަރުތައް ހޯއްދަވައި ރަސޫލާ ﷺ އަށް ފޯރުކޮށްދެއްވުމުގައި އަދާކުރެއްވި ދައުރުވެސް ހުތުބާގައި ބަޔާންކޮށްފައިވެއެވެ.

ހަމައެހެންމެ، ކަންކަމުގައި ﷲ އަށް ވަކީލުކުރުމަކީ (ތަވައްކުލު ކުރުމަކީ) ހަމައެކަނި ދުލުން ބުނެލާ ބަހެއް ނޫން ކަމަށާއި، އެއީ ކުރަންޖެހޭ ހުރިހާ ތައްޔާރީތަކެއް ކުރުމަށްފަހު ﷲ އަށް އިތުބާރުކުރުން ކަމަށް ހުތުބާގައި ބުނެފައިވެއެވެ. ރަސޫލާ ހިޖުރައިގެ ދަތުރުފުޅު ފެއްޓެވުމުގެ ކުރިން ސަވާރީއާއި މަގުދައްކާނަކު ހޯއްދަވައި، ކުރަންޖެހޭ ހުރިހާ ތައްޔާރީތަކެއް ފުރިހަމަކުރެއްވި ކަމަށް ހުތުބާގައި ފާހަގަކޮށްފައިވެއެވެ. އަދި ސައުރު ފަރުބަދައިގެ ހޮހަޅައިގައި ތިއްބެވި ވަގުތު، މުޝްރިކުން ފެނިދާނެތީ އަބޫބަކުރުގެފާނު ކަންބޮޑުވެވަޑައިގަތުމުން، "ހިތާމަނުކުރައްވާށޭ، ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ތިމަންމެންނާ އެކުގައޭ" ވިދާޅުވެ ރަސޫލާ ﷺ ދެއްވި ޔަގީންކަމަކީ މުސްލިމުންނަށް އޮތް ބޮޑު އިބުރަތެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާ ނިންމާލަމުން ބުނެފައިވަނީ، ހިޖުރައިގެ އަނެއް މާނައަކީ ހިތްތައް ﷲ ގެ މަގަށް ހިޖުރަކުރުން ކަމަށެވެ. އަދި ސިއްރާއި ފާޅުގައި ނިޔަތް ހާލިސްކޮށް، އިސްލާމްދީނުގެ ސީދާ މަގުގައި ސާބިތުވެ ތިބުމަށާއި، ނުބައި ކަންކަމުން ދުރުހެލިވުމަށް ހުރިހާ މުސްލިމުންނަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ