ބުދަ ދުވަހު މިފްކޯއަށް މަސްކިރުވި 11 ދޯންޏަކަށް ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

Screenshot 2026-06-09 at 09.44.57

މިދިޔަ ބުދަ ދުވަހު ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް މަސްކިރުވި 11 ދޯންޏަކަށް ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ އެ ކުންފުނިން ދޫކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ބުދަ ދުވަހު މަސް ކިރުވި ދޯނިތަކަށް ޖުމްލަ 254,880 ރުފިޔާ ވަނީ ދޫކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ ކަޅުބިލަމަސް ކިރުވި 10 ދޯންޏަކަށް ދޫކުރި 229,325 ރުފިޔާއާއި، 10 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި ދޯންޏަކަށް ދޫކުރި 280 ރުފިޔާގެ އިތުރުން، 15 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި ހަތަރު ދޯންޏަކަށް ދޫކުރި 25,275 ރުފިޔާއެވެ.

މިފްކޯއިން އިއްޔެވެސް ރާއްޖޭގެ އަށް ސަރަހައްދެއްގައި ހުރި އެ ކުންފުނީގެ ބަނދަރުތަކުން މަސް ގަނެފައިވެއެވެ. އޭގެ ތެރޭގައި ފެލިވަރު، ކޫއްޑޫ، އައްޑޫ، ގދ. ތިނަދޫ، ފަރެސްމާތޮޑާ، ފުވައްމުލައް، ހުޅުމާލެ އަދި ހއ. އިހަވަންދޫ ބަނދަރު ހިމެނެއެވެ. މި ބަނދަރުތަކުން މިހާރު ކަޅުބިލަމަސް ކިލޯއެއް ގަންނަނީ 20 ރުފިޔާއަށެވެ. އަދި 10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ބޮޑުކަންނެލި ކިލޯއެއް 20 ރުފިޔާއަށް ގަންނައިރު، 15 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިލޯއެއް ގަންނަނީ 25 ރުފިޔާއަށެވެ.

މަސްވެރިން ބާނާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ސަރުކާރުން މިހާރު އަންނަނީ އެ ވައުދާ އެއްގޮތަށް މަސްވެރިންނަށް ގަވާއިދުން ފައިސާ ދޫކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ