ރާއްޖޭގެ ދެވަނައަށް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ.
ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙަށް ބޮޑު ލޮޅުމެއް އަންނާނެ ފަދަ ވާދަވެރި އިންތިޚާބަކަށްފަހު، އެމްޑީޕީގެ ހުންގާނާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިވަނީ އަލުން ހަވާލުވެވަޑައިގެންފައެވެ.
މިއަދު މެންދުރުފަހު 14:30 އިން ފެށިގެން މިރޭ 9:00 އާ ހަމައަށް ކުރިއަށްދިޔަ މި ފޯރިގަދަ ވޯޓުލުމަށްފަހު، މިހާރު ލިބެމުންދާ ވަގުތީ ނަތީޖާތަކުން ދައްކާގޮތުގައި ރައީސް ނަޝީދު ވަނީ އިންތިޚާބުގައި ވާދަކުރެއްވި އަނެއް ދެ ކެންޑިޑޭޓުންގެ މައްޗަށް ބޮޑު ކުރިއެރުމެއް ހޯއްދަވާފައެވެ.
ޖުމްލަ ތިން ކެންޑިޑޭޓުން ވާދަކުރެއްވި މި އިންތިޚާބުގެ ނަތީޖާ ބަދަލުވެގެންދިޔައީ ވަރަށް ސާފުކޮށް ރައީސް ނަޝީދުގެ ކޮޅަށެވެ. ނަޝީދު ވާދަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމް، އަދި އިބްރާހިމް މުޙައްމަދާއެވެ.
ރައީސް ނަޝީދާ އެންމެ ގާތުން ވާދަކުރެއްވި މީކާއިލްއަށް މިހާތަނަށް ލިބިވަޑައިގެންފައިވަނީ ރައީސް ނަޝީދު ހޯއްދެވި ވޯޓުގެ ދެބައިކުޅަ އެއްބަޔާ ގާތްކުރާ އަދަދެކެވެ.
މި ބޮޑު ކާމިޔާބީއާ އެކު، ރައީސް ނަޝީދުގެ ކެމްޕޭން ޓީމާއި އެމަނިކުފާނަށް ތާއީދުކުރާ ގިނަ އަދަދެއްގެ މެންބަރުން މިހާރު ވަނީ މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދަށް އެއްވެ އުފާފާޅުކޮށްފައެވެ.