މިދިޔަ ހަފުތާގައި ކޯސްޓްގާޑުން 71 މެޑިކަލް އިވެކުއޭޝަން ކުރިއަށްގެންގޮސްފި

ކޯސްޓްގާޑު ބޯޓެއް. ފޮޓޯ: އެމްއެންޑީއެފް
ކޯސްޓްގާޑު ބޯޓެއް. ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފް ކޯސްޓްގާޑުން މިދިޔަ ހަފުތާގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ބަލިމީހުން އުފުލުމަށް 71 މެޑިކަލް އިވެކުއޭޝަން ދަތުރު ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ސޯޝަލް މީޑިއާ މަންސަ "އެކްސް" ގައި އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި ދަތުރުތަކުގެ ތެރެއިން އެންމެ ގިނަ ދަތުރު ކޮށްފައިވަނީ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިންނެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން 48 އިވެކުއޭޝަން ދަތުރު ކޮށްފައިވާއިރު، ސެކަންޑް ސްކޮޑްރަންއިން ތިން ދަތުރު އަދި ތާޑް ސްކޮޑްރަންއިން 13 ދަތުރު ވަނީ ކޮށްފައެވެ. މީގެ އިތުރުން ފޯތު ސްކޮޑްރަންއިން ހަ އިވެކުއޭޝަން ދަތުރު ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ. މި މުއްދަތުގައި ސީ އެމްބިއުލަންސްގެ ހިދުމަތް ވެސް ބޭނުންކޮށްފައިވާއިރު، ސީ އެމްބިއުލަންސް E9 54 އިން ވަނީ އެއް މެޑިކަލް އިވެކުއޭޝަން ކުރިއަށްގެންގޮސްފައެވެ. ނަމަވެސް މި ދަތުރުތަކާ ގުޅޭ އިތުރު ތަފްސީލެއް އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ.

ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމުގެ ކުރިން، ކުއްލި ހާލަތްތަކުގައި ރަށްރަށުން ބަލިމީހުން މާލެއަށް ގެނައުމަށް އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ޑޯނިއާ މަތިންދާބޯޓާއި ހެލިކަޕްޓަރު ގިނައިން ބޭނުންކުރިއެވެ. ނަމަވެސް އެއާ އެމްބިއުލާންސްގެ ހިދުމަތް ތައާރަފްކުރި ފަހުން އެ ވަސީލަތްތައް ބޭނުންކުރާ މިންވަރު ވަނީ މަދުވެފައެވެ. އެހެންނަމަވެސް، ކޯސްޓްގާޑުން އަދިވެސް އަންނަނީ ކަނޑުމަގުން ބަލިމީހުން އުފުލުމުގެ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.

ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ދެމުންދަނީ ހެލްތު މިނިސްޓްރީއާއި، އާސަންދައާއި، އެންސްޕާގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓްރީ ގުޅިގެންނެވެ. މި ހިދުމަތުގައި ބޭނުންކުރާ ޑޭޝް-8 މަތިންދާބޯޓަކީ އެއްފަހަރާ ދެ ބަލިމީހުން އުފުލުމުގެ ގާބިލުކަން ލިބިގެންވާ ބޯޓެކެވެ. އަދި މި ހިދުމަތަށް ހާއްސަކޮށްގެން ޑޮކްޓަރުންނާއި ނަރުހުން ހިމެނޭ ގޮތަށް 15 މުވައްޒަފުން ވަނީ ތަމްރީނުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ