އީލޮން މަސްކްގެ ޖައްވީ ކުންފުނި، ސްޕޭސްއެކްސްގެ ހިއްސާ ފުރަތަމަ ފަހަރަށް އާންމުންނަށް ވިއްކަން ފެށުމާއެކު، އެ ކުންފުނީގެ ހިއްސާގެ އަގު ބޮޑުތަނުން މައްޗަށް ގޮސް، މަސްކް ދުނިޔޭގެ ތާރީޚުގައި ވެސް ފުރަތަމަ ޓްރިލިއަނަރަށް ވެއްޖެއެވެ.
ނިއުޔޯކްގެ ނޭޒްޑެކް އެކްސްޗޭންޖުގައި ކުރިއަށްދިޔަ މި އައިޕީއޯ މެދުވެރިކޮށް 75 ބިލިއަނަށްވުރެ ގިނަ ޑޮލަރު ހޯދާފައިވާއިރު، މިއީ ތާރީޚުގައި ވެސް އެންމެ ގިނަ ފައިސާ ހޯދި އައިޕީއޯ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ކާމިޔާބީއާއެކު މަސްކްގެ މިލްކިއްޔާތު ވަނީ އެއެއް ޓްރިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާފައެވެ. މިއީ ކުރިއަށް އޮތް ތަނުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކުންފުނިތަކުން ހިއްސާގެ ބާޒާރަށް ނުކުތުމަށް ލިބޭނެ ބޮޑު ހިތްވަރެއް ކަމަށް މާހިރުން ދެކެއެވެ.
ހިއްސާގެ ބާޒާރުގައި ސްޕޭސްއެކްސްގެ ހިއްސާއެއް ވިއްކަން ފެށީ 135 ޑޮލަރަށެވެ. ނަމަވެސް އިންވެސްޓަރުންގެ ބޮޑު ތަރުހީބަކާއެކު ހިއްސާގެ އަގު 176 ޑޮލަރަށް އުފުލިގެން ދިޔައެވެ. މިއީ ގާތްގަނޑަކަށް 31 ޕަސެންޓުގެ ކުރިއެރުމެކެވެ. އަދި ބާޒާރު ބަންދުވިއިރު ހިއްސާއެއްގެ އަގު ހުރީ 161.50 ޑޮލަރުގައެވެ. ހިއްސާ ވިއްކަން ފެށުމުގެ ކުރިން ސްޕޭސްއެކްސްގެ އަގަކީ 1.8 ޓްރިލިއަން ޑޮލަރު ކަމަށް ބެލެވުނު ނަމަވެސް، ހުކުރު ދުވަހުގެ ވިޔަފާރިއާއެކު ކުންފުނީގެ ޖުމްލަ އަގު ވަނީ 2 ޓްރިލިއަން ޑޮލަރަށްވުރެ މައްޗަށް ގޮސްފައެވެ. މިއާއެކު، އެމެރިކާގެ އެންމެ އަގުބޮޑު 10 ކުންފުނީގެ ތެރޭގައި ސްޕޭސްއެކްސް ހިމެނި، ޓެސްލާ، މެޓާ އަދި ވޯލްމާޓް ފަދަ ބޮޑެތި ކުންފުނިތަކަށްވުރެ ކުރިއަށް ވަނީ ޖެހިލާފައެވެ.
2002 ވަނަ އަހަރު ރޮކެޓް އުފައްދާ ކުންފުންޏެއްގެ ގޮތުގައި ފެށި ސްޕޭސްއެކްސް ވަނީ ސެޓެލައިޓް ޚިދުމަތްދޭ ބޮޑު ކުންފުންޏަކަށް ބަދަލުވެފައެވެ. އަދި މަސްކްގެ އޭއައި ކުންފުނި "އެކްސްއޭއައި" (އެކްސް ސޯޝަލް މީޑިއާ ހިމެނޭހެން) ވެސް މިހާރު ވަނީ މި ކުންފުނީގެ ދަށަށް ބަދަލުކޮށްފައެވެ. "SPCX" ގެ ނަމުގައި ހިއްސާގެ ބާޒާރުގައި މުއާމަލާތްކުރަން ފެށި މި ކުންފުނީގެ ކާމިޔާބީގެ ސަބަބުން، އޯޕަންއޭއައި އާއި އެންތްރޮޕިކް ފަދަ ވާދަވެރި އޭއައި ކުންފުނިތަކުން ވެސް ހިއްސާގެ ބާޒާރަށް ނުކުތުމަށް ދަނީ ތައްޔާރުވަމުންނެވެ. މީގެ އިތުރުން، ޓެކްސަސްގެ ސްޓާބޭސްގައި ބޭއްވި ހަފްލާގައި ބައިވެރިވި ކުންފުނީގެ ގިނަ މުވައްޒަފުންތަކެއް ވެސް ވަނީ މި ހިއްސާ ވިއްކަން ފެށުމާއެކު މިލިއަނަރުންނަށް ވެފައެވެ.
މި ބޮޑު ކާމިޔާބީއާއެކު ވެސް، ސްޕޭސްއެކްސްއަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ. އެގޮތުން 2025 ވަނަ އަހަރު އެ ކުންފުންޏަށް 18.7 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ނަމަވެސް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަށް ކުރި ބޮޑު ހޭދައިގެ ސަބަބުން 4.9 ބިލިއަން ޑޮލަރުގެ ގެއްލުމެއް ވެފައިވެއެވެ. ކުންފުނީގެ ކުރިމަގު ބިނާވެފައިވަނީ އަދި ސާބިތުނުކުރެވޭ ޓެކްނޮލޮޖީ ބޭނުންކޮށްގެން މާސްއަށް މީހުން ގެންދިއުމާއި، ޖައްވުގައި ޑޭޓާ ސެންޓަރުތައް ހެދުން ފަދަ އާދަޔާޚިލާފު ކަންތައްތަކެއް ހަގީގަތަކަށް ހެދުމުގެ މައްޗަށެވެ. "ސްޕޭސްއެކްސް އިން ބޭނުންވަނީ ތިޔަބޭފުޅުން ހަނދަށް، މާސް އަށް، އަދި އެއަށްވުރެ ވެސް ދުރަށް ގެންގޮސްދޭން،" ހަފްލާގައި ވާހަކަދައްކަވަމުން މަސްކް ވިދާޅުވިއެވެ.
މަސްކް ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަށް ވުމާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުގެ ފާޑުކިޔުން ވެސް ވަނީ އަމާޒުވެފައެވެ. އެމެރިކާގެ ޑިމޮކްރެޓިކް ސެނެޓަރު އެލިޒަބަތު ވޮރެން ވިދާޅުވި ގޮތުގައި، އާންމު ރައްޔިތުން މުސްކުޅިވާއިރު ބޭނުންކުރާނެ ފައިސާކޮޅެއް ރައްކާނުކުރެވިގެން އުޅޭއިރު، ދުނިޔޭގައި މިފަދަ ބޮޑު މުއްސަނދިކަމެއް އެކަކަށް ލިބުމަކީ އުފާކުރަންޖެހޭ ކަމެއް ނޫން ކަމަށާއި އެއީ ކަންބޮޑުވާންޖެހޭ މައްސަލައެކެވެ. މި ފާޑުކިޔުންތަކާއެކު ވެސް، ސްޕޭސްއެކްސްގެ މި ތާރީޚީ އައިޕީއޯއަކީ މުޅި ޓެކްނޮލޮޖީ ދާއިރާއަށް ބޮޑު ބަދަލެއް ގެނުވި ކަމެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.