ދ. މީދޫ ކައުންސިލް ރައީސްގެ ގޮނޑި ވެސް ޕީއެންސީއަށް

photo_2026-06-13 17.44.57

ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ނެގި ވޯޓު އެއްވަރުވުމުން، އަލުން ނެގި ވޯޓު، ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓު ސުހާ އިބްރާހީމް މިއަދު ކާމިޔާބުކުރައްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި، ވާދަވެރި ބޮޑު ކުރިމަތިލުމަކަށްފަހު ސުހާ މި އިންތިޚާބު ކާމިޔާބު ކުރެއްވީ އިދިކޮޅު މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދާ ވާދަކުރައްވައި ވަރަށް ހަނި ތަފާތަކުންނެވެ.

ޖުމްލަ 1,049 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވީ މި އިންތިޚާބުގެ ކާމިޔާބީއާއެކު، ދ. މީދޫ ކައުންސިލްގެ ފުރިހަމަ އަޣުލަބިއްޔަތު މިވަނީ ވެރިކަންކުރާ ޕީއެންސީއަށް ލިބިފައެވެ.

މިދިޔަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ފުރަތަމަ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އިއުލާނުކުރިއިރު، ސުހާ އިންތިޚާބު ކާމިޔާބުކުރެއްވީ އެންމެ ވޯޓެއްގެ ތަފާތުންނެވެ. އެފަހަރު ސުހާއަށް 393 ވޯޓު ލިބިވަޑައިގަތްއިރު، ޝާހިދަށް ލިބިވަޑައިގަތީ 392 ވޯޓެވެ.

ނަމަވެސް، ލ. ފޮނަދޫގައި ބެހެއްޓި ވޯޓު ފޮއްޓަކަށް ވޯޓުލުމުގެ ހައްގު ނެތް މީހަކު ވޯޓުލީ މައްސަލައެއް އެމްޑީއޭއިން ހުށަހެޅިއެވެ. ހަމައަތާއެކު، ސުހާގެ ފަރާތުން ވެސް ވަނީ ޝާހިދުގެ ވޯޓުތަކުގެ ތެރޭގައި ބާތިލު ވޯޓެއް ހިމެނޭ ކަމަށް ބުނެ ޝަކުވާ ހުށަހަޅާފައެވެ. އެ ޝަކުވާތަކަށްފަހު އީސީން އަލުން ނަތީޖާ ބަދަލުކޮށް، އިންތިޚާބު ކާމިޔާބުވީ އެމްޑީއޭގެ ޝާހިދަށް ކަމަށް ނިންމިއެވެ.

އީސީގެ ނިންމުމާ ހިތްހަމަނުޖެހިގެން ސުހާގެ ފަރާތުން މައްސަލަ ހައިކޯޓަށް ހުށަހެޅީ، އޭނާއަށް ލިބުނު ވޯޓެއްގެ ކަރުދާހުގައި ޖަހާފައިވާ ފާހަގަ ނޫން އެހެން ދެއްޔަކުން ރޮނގެއް އެޅިފައި އޮތުމުން އެއީ ބާތިލު ވޯޓެއްގެ ގޮތުގައި އީސީން ކަނޑައެޅުމުންނެވެ.

މިދިޔަ މަހުގެ 14 ވަނަ ދުވަހު ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، އީސީން ބާތިލުކުރި އެ ވޯޓަކީ ސައްހަ ވޯޓެއް ކަމަށެވެ. އެ އިސްލާހާއެކު އަލުން ނަތީޖާ ގުނުމުން، ދެ ކެންޑިޑޭޓުންނަށްވެސް ލިބުނު ވޯޓުގެ އަދަދު ވަނީ 392 އަށް އެއްވަރުވެފައެވެ. ދެ ބޭފުޅުންގެ ވޯޓު އެއްވަރުވުމުގެ ސަބަބުން، ކައުންސިލްގެ ރައީސް ކަނޑައެޅުމަށްޓަކައި މިއަދު އަލުން އިތުރު ބުރެއްގެ ވޯޓުލުން ބާއްވަން ޖެހުނީއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ