ހުޅުމާލޭ ހައްޖުވެރިންގެ ފްލޫ ކްލިނިކުން ފަސް ދުވަސް ތެރޭ 196 މީހަކު ފަރުވާ ހޯދައިފި

ހުޅުމާލޭ ހޮސްޕިޓަލް. ފޮޓޯ: އެމްވީޕްލަސް
ހުޅުމާލޭ ހޮސްޕިޓަލް. ފޮޓޯ: އެމްވީޕްލަސް

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު އެނބުރި އަންނަ ހައްޖުވެރިންނަށް ހާއްސަކޮށްގެން ހުޅުމާލޭ ހޮސްޕިޓަލުގައި ގާއިމުކުރި ފްލޫ ކްލިނިކުން ފާއިތުވި ފަސް ދުވަހުގެ ތެރޭގައި 196 މީހަކު ފަރުވާ ހޯދާފައިވާ ކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

ހުޅުމާލޭ ހޮސްޕިޓަލުގެ މީޑިއާ އޮފިސަރު މައުލޫމާތު ދެއްވި ގޮތުގައި، މި މަހުގެ 6 ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ މި ކްލިނިކުގެ ހިދުމަތް ހޯދާފައެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ ބަޔަކު ކްލިނިކަށް ޒިޔާރަތްކޮށްފައިވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ. އެ ދުވަހު އެކަނިވެސް 65 މީހަކު ވަނީ ފަރުވާ ހޯދާފައެވެ.

ކްލިނިކުން ހިދުމަތް ހޯދި މީހުންގެ ދުވަހުން ދުވަހަށް ބަލާއިރު، މި މަހުގެ 6 ވަނަ ދުވަހު 11 މީހުން، 7 ވަނަ ދުވަހު 28 މީހުން، 8 ވަނަ ދުވަހު 45 މީހުން އަދި 9 ވަނަ ދުވަހު 47 މީހުން ވަނީ ޑޮކްޓަރަށް ދައްކާފައެވެ. މި ކްލިނިކަކީ ހުޅުމާލޭ ހޮސްޕިޓަލުގެ މައި ކައުންޓަރު ކައިރީގައި ހާއްސަކޮށްފައިވާ ތަނެކެވެ. ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ މެންދުރުފަހު 14:00 އިން ރޭގަނޑު 22:00 އަށް މި ކްލިނިކުން ހިދުމަތް ފޯރުކޮށްދެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ހައްޖުން އެނބުރި އަންނަތާ 14 ދުވަހުގެ ތެރޭގައި ހުން އައުމާއި، ކެއްސުމާއި، ނޭވާލާން އުނދަގޫވުން ނުވަތަ މޭގައި ރިއްސުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އިލްތިމާސްކޮށްފައެވެ. އަދި ކްލިނިކަށް ހިދުމަތް ހޯދަން ދާއިރު މާސްކު އެޅުމަށްވެސް ވަނީ އަންގާފައެވެ.

މީގެ އިތުރުން، ބަލީގެ ހާލަތު ގޯސްވެދާނެ ފަރާތްތައް ކަމަށްވާ މާބަނޑު މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނާ ގާތް ނުވުމަށްވެސް އެޗްޕީއޭއިން ވަނީ ހައްޖުވެރިންނަށް އިރުޝާދު ދީފައެވެ. މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ މީހުންގެ ތެރެއިން ތިންވަނަ ގްރޫޕް މިހާރު ރާއްޖެ އައިސްފައިވާއިރު، ފަހު ގްރޫޕް މިރޭގެ ވަގުތެއްގައި ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ