ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް އަލުން ހުޅުވާލައިފި

Screenshot 2026-06-13 at 18.04.24

ޕެންޝަން އޮފީހުގެ ސީއީއޯގެ މަޤާމަށް ކުރިމަތިލުމަށް އަލުން ހުޅުވާލައިފިއެވެ.

މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ޕެންޝަން އޮފީހުގެ އިސްވެރިޔާގެ މަގާމަށް ކުރިމަތިލާން ހުޅުވާލާފައި ވަނިކޮށް، އެ ނިންމުން ބަދަލުކޮށް އަލުން އިޢުލާން ކުރަންޖެހުނީ މިދިޔަ މެއި މަހު އަމަލުކުރަން ފެށި ޕެންޝަނާ ބެހޭ ޤާނޫނުގެ 6 ވަނަ އިސްލާޙާ ގުޅިގެންނެވެ. އައު ޤާނޫނާއެކު މުއައްސަސާގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް އަންނާތީ، މި މަޤާމަކީ މިހާރު އިދާރީ ގޮތުންނާއި ގާނޫނީ ގޮތުން ނުހަނު މުހިންމު ޒިންމާތަކެއް އުފުލަންޖެހޭ މަޤާމެކެވެ.

ޕެންޝަން އޮފީހުން ހާމަކުރާ ގޮތުގައި، އަލަށް އައްޔަންކުރެވޭ ސީއީއޯއެއްގެ އެންމެ އިސް މަސްއޫލިއްޔަތަކަށް ވާނީ އަލަށް ގެނެވުނު ގާނޫނީ އިސްލާޙުތައް ފުރިހަމައަށް ތަންފީޒުކޮށް، އޮފީހުގެ ހިންގުންޒަމާނީ އަދި ހަރުدަނާ ނިޒާމެއްގެ ތެރެއަށް ފެއްތުމެވެ.

މި މަޤާމަށް ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ މަހު ތަސްދީޤުކުރެއްވި މި ބިލުގެ ސަބަބުން، ޕެންޝަން ފަންޑު ބޭނުންކުރުމުގައާއި އަސާސީ ޕެންޝަން ދިނުމުގައި ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • އުމުރުން ދުވަސްވީ މީހުންނަށް ދޭ އަސާސީ ޕެންޝަނަށްވުރެ ބޮޑު އާމްދަނީއެއް އެހެން ގޮތްގޮތުން ލިބޭ ފަރާތްތަކަށް ދެން އަސާސީ ޕެންޝަނެއް ނުލިބޭނެ
  • އަމިއްލަ ގެދޮރު އިމާރާތް ކުރުމަށާއި މަރާމާތު ކުރުމުގެ ބޭނުންތަކަށް ޕެންޝަން ފަންޑުގައި ހުރި ފައިސާ ކޮލެޓަރަލައިޒް (ރަހުނު) ކުރެވޭނެ މަގު ވަނީ ފަހިކޮށްދީފައި
  • 'ޓާމިނަލް އިލްނަސް' ނުވަތަ ފަރުވާ ކުރެވެން ނެތް ފުރާނައަށް ނުރައްކާތެރި ބަލިތަކުގެ ފަހު މަރުހަލާގައި ތިބޭ މީހުންނަށް، އެމީހުންގެ ޕެންޝަން ފަންޑުގައިވާ ފައިސާ ދޫކުރެވޭނެ ލުއި ގޮތްތަކެއް ޤާނޫނުގައި ވަނީ ހިމަނާފައި
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ