މިއަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން "އޯޝަން ފެސްޓިވަލް" ގެ ނަމުގައި ހާއްސަ ހަރަކާތްތަކެއް ބާއްވަން މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އިން ނިންމައިފިއެވެ.
މި ފެސްޓިވަލަކީ ކަނޑުތަކުގެ މުހިންމުކަމާއި، އެ ވަސީލަތްތައް ރައްކާތެރިކުރުމާ ގުޅޭގޮތުން އާންމުންގެ މެދުގައި، ހާއްސަކޮށް ކުޑަކުދިންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ބާއްވާ ހަރަކާތެކެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވާ ގޮތުގައި، މި ފެސްޓިވަލް ކުރިއަށްދާނީ މި މަހުގެ 20 ވާ ހޮނިހިރު ދުވަހު ހުޅުމާލޭގެ ދިރާގު ބީޗު ސަރަހައްދުގައެވެ. ހެނދުނު 09:00 އިން ފެށިގެން ހަވީރު 17:30 އާ ހަމައަށް ކުރިއަށްދާ މި ހަރަކާތުގައި ކުޑަކުދިންނަށް ހާއްސަ ގިނަ ކަންތައްތަކެއް ހިމަނާފައިވެއެވެ. މީގެ ތެރޭގައި ތަފާތު މޫދު ކުޅިވަރުތަކާއި، ސަރުކާރުގެ އެކި އޮފީސްތަކާއި ކުންފުނިތަކުން ބައިވެރިވާ މައުލޫމާތުދޭ ސްޓޯލްތައް ހިމެނެއެވެ. މި ސްޓޯލްތަކުން ކަނޑުގެ ދިރުންތަކާއި ތިމާވެއްޓާ ގުޅޭ މުހިންމު މައުލޫމާތުތައް ކުދިންނަށް ފަސޭހައިން ދެނެގަނެވޭނެ ގޮތްތަކަށް ފޯރުކޮށްދޭނެއެވެ.
މި ފެސްޓިވަލްގެ އެންމެ ހާއްސަ އެއް ހަރަކާތަކީ "ޑިސްކަވަރީ ބަބުލް" ގެ ނަމުގައި ކުރިއަށްގެންދާ ފީނުމުގެ ހަރަކާތެވެ. މިއީ ޑައިވް ކިޓް ބޭނުންކޮށްގެން ކަނޑުއަޑީގެ ގުދުރަތީ ރީތިކަން ކުޑަކުދިންނަށް ކައިރިން ބަލާލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ރާވާފައިވާ ކަމެކެވެ. މި ހަރަކާތުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ކުދިންގެ ހިތްތަކުގައި ލޯބި ޖެހި، ތިމާވެށި ރައްކާތެރިކުރުމުގެ ރޫހު އާލާވާނެ ކަމަށް އެ ވުޒާރާއިން އުންމީދު ކުރެއެވެ. މިއީ ކުޑަކުދިންނަށް ކަނޑުއަޑީގެ ދުނިޔެ ތަޖުރިބާކޮށްލުމަށް ލިބޭނެ ވަރަށް ރަނގަޅު ފުރުސަތެކެވެ.
މީގެ އިތުރުން، ފެސްޓިވަލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލުއި ކާނާއާއި ބުއިންތައް ލިބޭނެ އިންތިޒާމުތައްވެސް ވަނީ ހަމަޖައްސާފައެވެ. ވޭތުވެދިޔަ ދެ އަހަރުވެސް މި ފެސްޓިވަލް ވަނީ ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ. މި ފެސްޓިވަލަކީ އާއިލާތަކަށް އެކުގައި ވަގުތު ހޭދަކޮށްލުމަށާއި، އުފާވެރި މާހައުލެއްގައި އާ ކަންތައްތަކެއް ދަސްކުރުމަށް ލިބޭނެ ފުރުސަތެއް ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ފާހަގަކުރެއެވެ.