ދެކުނު އަރިއަތޮޅުގައި ހިމާޔަތްކޮށްފައިވާ ކަނޑުގެ ސަރަހައްދު މޮނިޓަރުކޮށް ބެލެހެއްޓުމުގެ މަސައްކަތުގައި، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީ.ޕީ.އޭ) ގެ ރޭންޖަރުންނާއެކު ދިވެހި ފުލުހުންގެ ހިދުމަތުން އަމަލީގޮތުން ބައިވެރިވާން ފަށައިފިއެވެ.
މި ނިންމުމަކީ އެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމުގެ މަގުސަދުގައި ނިންމާފައިވާ ނިންމުމެއް ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ.
މި މަސައްކަތް ފެށުމާ ގުޅިގެން، އެ ސަރަހައްދު ބޭނުންކުރާ ހުރިހާ ފަރާތްތަކުންވެސް ކަނޑައެޅިފައިވާ މެނޭޖްމަންޓް ޕްލޭނާ އެއްގޮތަށް އަމަލުކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ. ވަކިން ހާއްސަކޮށް، އެ ސަރަހައްދަށް ވަންނަ އުޅަނދުފަހަރަކީ ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކަށް ވާންޖެހޭނެއެވެ. އަދި ކޮންމެ އުޅަނދެއްގައިވެސް ރަޖިސްޓްރީކޮށްފައިވާ ގައިޑެއް ހުރުމަކީ މަޖުބޫރު ކަމެކެވެ.
މީގެ އިތުރުން، ސަރަހައްދަށް ވަނުމުގެ ކުރިން ރޭންޖަރުންނަށް އެކަން އެންގުމާއި، އެ ސަރަހައްދުގައި ހަރަކާތްތެރިވާ ވަގުތު އުޅަނދުގެ 'ލައިވް ލޮކޭޝަން' ހިއްސާކުރަން ޖެހެއެވެ. އަދި އުޅަނދުތަކުގައި ދިދަ ބޭނުންކުރުމުގެ އިތުރުން، އަންނަ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ކުރިން ހުރިހާ އުޅަނދެއްގެ ބުރަފަތީގައި ރައްކާތެރިކަމުގެ ކަވަރު ހަރުކުރުމަށްވެސް ވަނީ އަންގާފައެވެ.
މި ފިޔަވަޅުތަކަކީ ދެކުނު އަރިއަތޮޅުގެ ގުދުރަތީ ރީތިކަމާއި ކަނޑުގެ ދިރުންތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި އެޅިފައިވާ މުހިންމު ފިޔަވަޅުތަކެއް ކަމަށް އީޕީއޭއިން ފާހަގަކުރެއެވެ. މޫދުގައި އުޅޭއިރު ހިފަހައްޓަންޖެހޭ އަހުލާގީ މިންގަނޑުތަކަށް ފުރިހަމައަށް ބޯލެނބުމަށްވެސް ކަމާބެހޭ އިދާރާތަކުން ވަނީ އިރުޝާދު ދީފައެވެ.