ޔޫކްރެއިނާއި މޮލްޑޯވާ އީޔޫއާ ގުޅުމުގެ މަޝްވަރާތައް ފަށަނީ

ޔޫރަޕިއަން ކައުންސިލްގެ ރައީސް އެންޓޯނިއޯ ކޮސްޓާ، ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އަދި ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސުލާ ފޮން ޑަ ލޭޔަން. ފޮޓޯ: އޭއެފްޕީ
ޔޫރަޕިއަން ކައުންސިލްގެ ރައީސް އެންޓޯނިއޯ ކޮސްޓާ، ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އަދި ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސުލާ ފޮން ޑަ ލޭޔަން. ފޮޓޯ: އޭއެފްޕީ

ޔޫކްރެއިނާއި މޮލްޑޯވާ ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ މެންބަރުންނަށް ވުމަށް ކުރާ މަސައްކަތުގެ ރަސްމީ މަޝްވަރާތައް އަންނަ ހޯމަ ދުވަހު ލަގްޒަމްބާގްގައި ފެށުމަށް އީޔޫގެ ސަފީރުން އެއްބަސްވެއްޖެއެވެ.

ބްރަސަލްސްގައި ބޭއްވި ބައްދަލުވުމެއްގައި އީޔޫގެ 27 ގައުމުގެ ސަފީރުން މިގޮތަށް ނިންމެވީ ހަންގޭރީން ކުރިން ހިފަހައްޓަމުން އައި ދެކޮޅުވެރިކަން ދޫކޮށްލުމާ ގުޅިގެންނެވެ.

މި މަޝްވަރާތައް ކުރިއަށް ނުގެންދެވި ހުއްޓިފައި އޮތީ ހަންގޭރީގެ ކުރީގެ ބޮޑުވަޒީރު ވިކްޓަރ އޯބަންގެ ސަރުކާރުން ޔޫކްރެއިން އީޔޫއާ ގުޅުމާ ދެކޮޅަށް ވީޓޯގެ ބާރު ބޭނުންކުރަމުން ދިއުމުގެ ސަބަބުންނެވެ. ނަމަވެސް، މިއަހަރުގެ މޭ މަހު ވެރިކަމާ ހަވާލުވި ހަންގޭރީގެ އާ ސަރުކާރުން ވަނީ މިދިޔަ ހަފުތާގައި އެ ގައުމުގެ ވީޓޯ ދޫކޮށްލުމަށް އެއްބަސްވެފައެވެ. ހަންގޭރީގެ އާ ބޮޑުވަޒީރު ޕީޓާ މަގިޔާރު ވަނީ ޔޫކްރެއިންގައި ދިރިއުޅޭ ހަންގޭރީގެ ނަސްލީ މައިނޯރިޓީންގެ ހައްގުތަކާ ބެހޭގޮތުން ކީވްއާއެކު އެއްބަސްވުމަކަށް އަންނަވާފައެވެ.

ޔޫރަޕިއަން ކައުންސިލްގެ ރައީސް އެންޓޯނިއޯ ކޮސްޓާ އާއި ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސުލާ ފޮން ޑަ ލޭޔަން ނެރުއްވި ގުޅިފައިވާ ބަޔާނެއްގައި ވިދާޅުވީ، މިއީ ދެ ގައުމުން ކުރިމަތިލާންޖެހުނު ބޮޑެތި ގޮންޖެހުންތަކާއެކުވެސް އިސްލާހީ ބަދަލުތައް ގެނައުމަށް ކުރި ހިތްވަރުގަދަ މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި ދުނިޔޭގެ މަސްރަހު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި އީޔޫ ފުޅާކުރުމަކީ ހުރިހާ ގައުމެއްގެ މަސްލަހަތު ހިމެނޭ އިސްތިރާޖީ ނިންމުމެއް ކަމަށްވެސް އެ ބޭފުޅުން ވިދާޅުވިއެވެ.

އަންނަ ހޯމަ ދުވަހު ފަށާ މަޝްވަރާތަކުގައި އެންމެ ފުރަތަމަ އަލިއަޅުވާލާނީ ގާނޫނުގެ އިސްވެރިކަމާއި އަސާސީ އުސޫލުތަކުގެ މައްޗަށެވެ. މިއީ އާންމުކޮށް ގިނަ އަހަރުތަކެއް ނަގާ ދިގު މަރުހަލާއެކެވެ. ހަންގޭރީގެ ބޮޑުވަޒީރު މަގިޔާރު ވިދާޅުވި ގޮތުގައި، ޔޫކްރެއިން އީޔޫއާ ގުޅުމަށް އަވަސް މަގަކުން ދިއުމަށް އެ ގައުމުން ތާއީދެއް ނުކުރެއެވެ. އަދި ކުރިއަށް އޮތް 10 ނުވަތަ 15 އަހަރު ތެރޭގައި މަޝްވަރާގެ ހުރިހާ ބާބެއް ފުރިހަމަކޮށް ނިމުމުން، ޔޫކްރެއިން އީޔޫއާ ގުޅުމާ މެދު ހަންގޭރީގައި ފެންނަ ނުފެންނަ ވޯޓެއް ނަގާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ