ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމާ ގުޅޭގޮތުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެކުލަވާލާފައިވާ އައު ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށްޓަކައި، ވިޔަފާރިތަކަށް ހަ މަސްދުވަހުގެ މުއްދަތެއް ދީފިއެވެ.
މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ކާބޯތަކެތި ބަންދުކުރަން ޖެހޭނީ ހަމައެކަނި އެކަމަށް ހާއްސަކޮށްފައިވާ ފުޑް ގްރޭޑް މެޓީރިއަލްތަކުގައެވެ. އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕެޓް ފުޅި ފަދަ ޕްލާސްޓިކް ތަކެތީގައި ކާބޯތަކެތި ބަންދުކުރުމަކީ މި ގަވާއިދުގެ ދަށުން މަނާކަމެކެވެ. މީގެ އިތުރުން، ކާބޯތަކެތި އެތެރެކުރާ ނުވަތަ ބަންދުކުރާ ފަރާތްތަކުގެ އިހުމާލުން އާންމު ސިއްހަތަށް ނުރައްކަލެއް ކުރިމަތިވެއްޖެނަމަ، އެ ފަރާތެއްގެ ލައިސަންސް ނުވަތަ ރަޖިސްޓްރޭޝަން ހިފެހެއްޓުމާއި ބާތިލުކުރުމުގެ ބާރު އެމްއެފްޑީއޭއަށް ލިބިގެންވެއެވެ.
އަސްލު އޮޅޭ ގޮތަށް ކާބޯތަކެތި ލޭބަލްކޮށްގެން ރާއްޖެއަށް އެތެރެކުރުމާއި ވިޔަފާރީގެ ބޭނުމަށް އުފައްދައި ބަންދުކުރުމަކީ ކުށެކެވެ. މިފަދަ ކުށެއް ކުރާ ފަރާތްތައް 10,000 ރުފިޔާއާއި 750,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. އެގޮތުން ފުރަތަމަ ފަހަރަށް 10,000 ރުފިޔާއިން ޖޫރިމަނާކޮށް ހަތް ދުވަހަށް ލައިސަންސް ހިފަހައްޓާއިރު، ތިންވަނަ ފަހަރަށް ކުށް ތަކުރާރުކޮށްފިނަމަ 750,000 ރުފިޔާއިން ޖޫރިމަނާކޮށް ލައިސަންސް ނުވަތަ ރަޖިސްޓްރީ ބާތިލުކުރެވޭނެއެވެ. އަދި އޮޅުވާލައިގެން ލޭބަލްކުރުމުގެ ސަބަބުން މީހެއްގެ ސިއްހަތަށް ގެއްލުމެއް ލިބި ނުވަތަ ފުރާނައަށް ނުރައްކާވެއްޖެނަމަ، އެއް މިލިއަން ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރުވެސް އެމްއެފްޑީއޭއަށް ލިބިގެންވެއެވެ.
ގަވާއިދާ ހިލާފަށް ކާބޯތަކެތި ލޭބަލްކުރާ ފަރާތްތަކަށްވެސް ބޮޑެތި ޖޫރިމަނާތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ފުރަތަމަ ފަހަރު 10,000 ރުފިޔާއިން ފެށިގެން، ފަސްވަނަ ފަހަރު ކުށް ތަކުރާރުކުރުމުން އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް ލައިސަންސް ނުވަތަ ރަޖިސްޓްރީ ބާތިލުކުރެވޭނެއެވެ. މި އައު ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، މީގެ ކުރިން އަމަލުކުރަމުން އައި ބަންދުކުރި ކާބޯތަކެތި ލޭބަލްކުރުމުގެ ގައުމީ މިންގަނޑު މިހާރު ވަނީ އުވާލާފައެވެ.