ރައީސްގެ ދެކަނބަލުން ތެލެސީމިއާ ސެންޓަރަށް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ތެލެސީމިއާ ސެންޓަރަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ތެލެސީމިއާ ސެންޓަރަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ހުޅުމާލޭގައި ހުންނަ ތެލެސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރަށް މިއަދު މެންދުރު ޒިޔާރަތްކުރައްވައިފިއެވެ.

ހުޅުމާލޭ އޮރެންޖު ހިޔާގައި ހިންގަމުންދާ މި ސެންޓަރަށް ކުރެއްވި ޒިޔާރަތުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ބަލިމީހުން ބައިތިއްބާފައިވާ ވޯޑުތަކާއި، ލޭ ހަދިޔާކުރާ މީހުންނަށް ޚާއްޞަ ބަޔާއި، ލެބޯޓްރީގެ އިތުރުން ޕޭޝަންޓް ކެއާ ސެންޓަރުގެ މަސައްކަތްތައް ބައްލަވާލައްވާފައެވެ. އަދި އެ ތަނުން ފޯރުކޮށްދޭ ޚިދުމަތްތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު އެމަނިކުފާނު އޮޅުންފިލުއްވިއެވެ.

މި ސަރުކާރުން ތެލެސީމިއާ ކުދިންނަށް ފޯރުކޮށްދޭ ފަރުވާގެ ފެންވަރު މަތިކުރުމަށާއި، މާލީ އެހީތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ. މިގޮތުން، ތެލެސީމިއާ ބަލި ތަޙައްމަލުކުރާ ފަރާތްތަކަށް ބޭނުންވާ ޞިއްޙީ އަދި އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް ރައީސް ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް އެ ސެންޓަރުން މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް ހެލްތު ޚަލީލާ ޢަލީއާއި، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމެވެ. މި ޒިޔާރަތުގައި ޗީފް ގަވަމަންޓް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ