ހދ. ފިނޭގައި ފުލުހުންގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން ތަރައްގީކުރި އާ މަރުކަޒު މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
މި މަރުކަޒު ހުޅުވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދާއި، އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޖަމްޝީދާއި، އެ ކުންފުނީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ސިނާން އަލީގެ އިތުރުން ފިނޭ ކައުންސިލްގެ ރައީސް އަބްދުއްލަތީފް އަލީ ބައިވެރިވެވަޑައިގެންނެވިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއަކީ 2.20 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަސައްކަތުގެ ދަށުން އިމާރާތުގެ ކޮންކްރީޓް މަސައްކަތްތަކާއި، ފުރާޅު ހަރުކުރުމާއި، ސީލިންގް އަދި ކަރަންޓު ވަޔަރިންގްގެ މަސައްކަތްތައް ވަނީ ނިންމާފައެވެ. މީގެ އިތުރުން، އިމާރާތުގައި ދަވާދުލުމާއި، ފާހާނާގެ މަސައްކަތްތަކާއި، ދޮރުތައް ހަރުކުރުމުގެ އިތުރުން ވަށާފާރު ރޭނުމުގެ މަސައްކަތް ވެސް ވަނީ ފުރިހަމަކޮށްފައެވެ.
ދަނޑުވެރިކަމަށް މަޝްހޫރު ފިނޭއަކީ ގާތްގަނޑަކަށް 623 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. ފުލުހުންގެ ހިދުމަތް އެ ރަށުގައި ގާއިމުވުމަކީ ރަށުގެ އަމާންކަން ދެމެހެއްޓުމަށާއި، އިޖުތިމާއީ ގޮތުން ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމެއް ކަމަށް ފުލުހުންގެ އިދާރާއިން ފާހަގަކުރެއެވެ. މި ރަސްމިއްޔާތުގައި ރަށުގެ އެކި މުއައްސަސާތަކުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫއު ނިންމި އެމްޓީސީސީއަކީ 1980 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އުމްރާނީ ތަރައްގީގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކުންފުންޏެކެވެ. ވޭތުވެދިޔަ 45 އަހަރުގެ ތެރޭގައި އެ ކުންފުނިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަގުނަ މަޝްރޫއުތަކެއް ކާމިޔާބުކަމާއެކު ނިންމާފައެވެ.