މީދޫ ބައި-އިލެކްޝަންގެ ކާމިޔާބީ ފާހަގަކުރަން ރައީސްގެ ދެކަނބަލުން އެ ރަށަށް ވަޑައިގެންފި

ރައީސްއަށް މީދޫން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައި. ފޮޓޯ: ޕީއެސްއެމް
ރައީސްއަށް މީދޫން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައި. ފޮޓޯ: ޕީއެސްއެމް

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަންގައި ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން (ޕީއެންސީ) އަށް ލިބުނު ކާމިޔާބީ ފާހަގަކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ރަށަށް ވަޑައިގެންފިއެވެ.

މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް އިއްޔެ ބައި-އިލެކްޝަނެއް ބާއްވަން ޖެހުނީ، މީގެ ކުރިން ބޭއްވި އިންތިހާބުގެ މައްސަލަ ހައިކޯޓަށް ހުށަހެޅި، އެ ކޯޓުން ކުރި ހުކުމާ ގުޅިގެން ވޯޓުތައް އަލުން ގުނިއިރު ދެ ކެންޑިޑޭޓުންގެ ވޯޓު އެއްވަރުވުމުންނެވެ. އެ ފަހަރު ވޯޓު ގުނައި ނިމުނުއިރު، ޕީއެންސީގެ ފަރާތުން ވާދަކުރެއްވި ސުހާ އިބްރާހީމާއި އެމްޑީއޭގެ ކެންޑިޑޭޓް މުހައްމަދު ޝާހިދަށް ލިބިފައިވަނީ އެއްވަރުގެ ވޯޓެކެވެ.

އިއްޔެ ބޭއްވުނު ރަސްމީ ވޯޓުލުމުގައި ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމް ވަނީ ވާދަވެރި ކެންޑިޑޭޓް ޝާހިދުގެ މައްޗަށް ބޮޑު ކުރިއެރުމެއް ހޯއްދަވާފައެވެ. އެގޮތުން ސުހާއަށް ޖުމްލަ 529 ވޯޓު ލިބިވަޑައިގަތްއިރު، ޝާހިދަށް ލިބިވަޑައިގަތީ 449 ވޯޓެވެ. މިއާއެކު، ސުހާ ވަނީ 80 ވޯޓުގެ ސާފު އަޣުލަބިއްޔަތަކުން މި ގޮނޑި ކާމިޔާބު ކުރައްވާފައެވެ.

މި ބޮޑު ކާމިޔާބީ ފާހަގަކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މީދޫއަށް ވަޑައިގަތުމުން، އެ ރަށުގެ ރައްޔިތުންގެ ފަރާތުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ރައީސްގެ ދެކަނބަލުންނަށް މަރުހަބާ ދެންނެވުމަށްޓަކައި އެ ރަށުގެ ބަނދަރު ސަރަހައްދަށް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ޖަމާވެފައެވެ.

މި ދަތުރުފުޅަކީ ޕީއެންސީން ހޯދި މި ކާމިޔާބީގެ އުފާ ރަށުގެ ރައްޔިތުންނާ އެކު ހިއްސާކުރެއްވުމަށް ކުރެއްވި މުހިންމު ދަތުރުފުޅެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ