ފީފާ ވޯލްޑް ކަޕް 2026 ގައި ރޭ ކުޅުނު ފޯރިގަދަ މެޗުގައި އެކުއެޑޯގެ މައްޗަށް 1-0 އިން ކުރިހޯދައި، އައިވަރީ ކޯސްޓުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ. މިއީ 2014 ވަނަ އަހަރުގެ ފަހުން އެ ގައުމުން ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗެވެ.
އެމެރިކާގެ ފިލަޑެލްފިއާގައި ހުންނަ ލިންކޮން ފައިނެންޝިއަލް ފީލްޑް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ވަރަށް ވާދަވެރި ކުޅުމެކެވެ. ގްރޫޕް އީގައި ހިމެނޭ މި ދެ ޓީމުގެ އިތުރުން މި ގްރޫޕުގައި ދެން ހިމެނެނީ ޖަރުމަނާއި ކިއުރަސާއޯއެވެ. މި ގްރޫޕުގެ ފުރަތަމަ މެޗުގައި ޖަރުމަނުން ވަނީ 7-1 ގެ ބޮޑު ތަފާތަކުން ކިއުރަސާއޯ ބަލިކޮށް، ތާވަލުގެ އެއްވަނަ ހޯދާފައެވެ.
މެޗު ފެށިގެން އެކުއެޑޯއިން ވަނީ އައިވަރީ ކޯސްޓުގެ ގޯލަށް ބާރުބޮޑުކޮށްފައެވެ. އެގޮތުން ޗެލްސީގެ މިޑްފީލްޑަރު މޮއިސެސް ކައިސެޑޯއާއި އެނާ ވަލެންސިއާއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް، އެ ހަމަލާތައް ގޯލާ އަމާޒުވާގޮތެއް ނުވިއެވެ. އައިވަރީ ކޯސްޓުގެ ޑިފެންޑަރުންނާއި ކީޕަރު ވަނީ އެކުއެޑޯގެ ހަމަލާތައް ހުއްޓުވުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.
މެޗުގެ ނަތީޖާ ބަދަލުކޮށްލީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް އަމަދު ޑިއައްލޯ އެވެ. މެޗުގެ 56 ވަނަ މިނެޓުގައި ކުޅެން އެރި ޑިއައްލޯ މި ލަނޑު ކާމިޔާބުކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައި ވަނިކޮށް، ވިލްޑްރައިޑް ސިންގޯ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
މި މޮޅާއެކު އައިވަރީ ކޯސްޓް މިހާރު އޮތީ ތިން ޕޮއިންޓާއެކު ގްރޫޕްގެ ދެވަނައިގައެވެ. މިއީ އެ ގައުމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިއުމަށް ލިބުނު ރަނގަޅު ފުރުސަތެކެވެ. އައިވަރީ ކޯސްޓް ދެން ބައްދަލުކުރާނީ މި މަހުގެ 21 ވަނަ ދުވަހު ޖަރުމަނާއެވެ. ހަމަ އެ ދުވަހު އެކުއެޑޯ ނުކުންނާނީ ކިއުރަސާއޯއާ ދެކޮޅަށެވެ.