ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކޮށްފި

HK1PtfnawAA4gTK

 ބައިނަލްއަގުވާމީ ފައިސާގެ މުއާމަލާތްތައް ކުރުމަށް ބޭނުންކުރާ މަޝްހޫރު ޕޭޕަލްގެ ޚިދުމަތް ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފައިސާ ފޮނުވުމާއި ފައިސާ ލިބިގަތުމަށް ބޭނުންކުރާ މި ޕޭމަންޓް ސިސްޓަމް ރާއްޖެއަށް ގެނައުމުގެ މަސައްކަތް ސަރުކާރުން ފެށީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. މި މަސައްކަތް ކާމިޔާބުކަމާއެކު ނިންމައި، ޚިދުމަތްތައް ރާއްޖެއަށް ލިބޭނެކަން އިއުލާންކުރީ މިދިޔަ އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހުއެވެ.

ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އުރީދޫ ފިންޓެކްއާ ގުޅިގެންނެވެ. މީގެ ދަށުން، ރާއްޖޭގައި ބޭނުންކުރާ ހުރިހާ ފޯނު ނަންބަރުތަކަކަށް ވެސް އުރީދޫގެ އެމްފައިސާ މެދުވެރިކޮށް ޕޭޕަލްގެ ޚިދުމަތް ލިބޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ. މި ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ އިންވާޑް ރެމިޓެންސް ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ވަނީ އުރީދޫއަށް ދީފައެވެ.

ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ތައާރަފުވުމަކީ ރާއްޖޭގެ އޮންލައިން ވިޔަފާރިތަކަށާއި ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެކެވެ.

ރައީސް ޑރ. މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، ކޮންޓެންޓް ކްރިއޭޓަރުންނާއި އޮންލައިންކޮށް މަސައްކަތްކުރާ ފަރާތްތަކަށް ބައިނަލްއަގުވާމީ މާކެޓުން ފައިސާ ލިބުމުގައި ދިމާވާ ދަތިތަކަށް މި ޚިދުމަތާއެކު ހައްލު ލިބިގެންދާނެއެވެ. މީގެ އިތުރުން ފަތުރުވެރިންނަށް ރާއްޖޭގައި ފަސޭހައިން މުއާމަލާތްކުރުމުގެ ފުރުސަތު ފަހިވެ، ފަތުރުވެރިކަމުގެ ދާއިރާއަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ. ޕޭޕަލް ފަދަ އޮންލައިން ޕޭމަންޓް ސިސްޓަމްތައް ރާއްޖޭގައި ބޭނުންކުރެވޭނެ ގޮތް ހެދުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ