ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް މިދިޔަ ހޮނިހިރު ދުވަހު މަސްކިރުވި 19 ދޯންޏަކަށް ދެލައްކައަށް ވުރެ ގިނަ ރުފިޔާ މިއަދު ދޫކޮށްފި އެވެ. މިއީ މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަށް ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން، މަސްވެރިންނަށް ފައިސާ ދޫކުރުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ.
މަސްދޯނިފަހަރުން 13 ޖޫން 2026 ގެ ނިޔަލަށް މިފްކޯއަށް ކިރުވި މަހުގެ ފައިސާ ވަނީ ދެވިފައި. މިފައިސާ ޖަމާކުރެވުނީ 15 ޖޫން 2026 ވަނަ ދުވަހު. pic.twitter.com/Gio4SPlMOS
— MIFCO (@mifcomv) June 15, 2026
މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ހޮނިހިރު ދުވަހު މަސްކިރުވި ދޯނިތަކަށް ޖުމްލަ 217,280 ރުފިޔާ ވަނީ ދޫކޮށްފަ އެވެ. މި ފައިސާގެ ތަފްސީލަށް ބަލާއިރު، ކަޅުބިލަމަސް ކިރުވި 17 ދޯންޏަކަށް 170,325 ރުފިޔާ ވަނީ ދޫކޮށްފަ އެވެ. މީގެ އިތުރުން، 10 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި ހަ ދޯންޏަކަށް 21,380 ރުފިޔާ އަދި 15 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި ނުވަ ދޯންޏަކަށް 25,575 ރުފިޔާ ވަނީ ދޫކޮށްފަ އެވެ.
މިފްކޯއިން މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި އަށް ބަނދަރަކުން މަސް ގަތުމުގެ އޮޕަރޭޝަންތައް ކުރިއަށް ގެންދެ އެވެ. އޭގެ ތެރޭގައި ފެލިވަރު، ކޫއްޑޫ، އައްޑޫ، ގދ. ތިނަދޫ، ފަރެސްމާތޮޑާ، ފުވައްމުލައް އަދި މ. މުލީ ބަނދަރު ހިމެނެ އެވެ. މި ބަނދަރުތަކުގައި މަސް ގަންނަ އަގުތަކަށް ބަލާއިރު، ކަޅުބިލަމަސް ކިލޯއެއް ގަންނަނީ 20 ރުފިޔާ އަށެވެ. އަދި 10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ބޮޑުކަންނެލި ކިލޯއެއް 20 ރުފިޔާއަށް ގަންނައިރު، 15 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިލޯއެއް ގަންނަނީ 25 ރުފިޔާ އަށެވެ.
މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މި ވައުދުފުޅާ އެއްގޮތަށް ސަރުކާރުން މިހާރު އަންނަނީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ލަސްނުކޮށް ދޫކުރަމުންނެވެ. މީގެ ކުރިން މަސްވެރިންނަށް ފައިސާ ނުލިބި ގިނަ ދުވަސްތަކެއް ވާތީ ކުރިމަތިވި ޝަކުވާތަކަށް މި ނިޒާމުގެ ސަބަބުން ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ.
މިފްކޯގެ މި ނިންމުމާއެކު މަސްވެރި އާއިލާތަކަށް މާލީ ގޮތުން ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ. ސަރުކާރުގެ އަމާޒަކީ މަސްވެރިކަމުގެ ސިނާއަތަކީ މަސްވެރިންނަށް އިތުބާރު ހުރި، މާލީ ގޮތުން ފައިދާހުރި ސިނާއަތަކަށް ހެދުމެވެ.