ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ތަޢާރަފުކުރުމާއެކު، މި ފުރުސަތުގެ ބޭނުން ހިފައި ދިވެހި އުފެއްދުންތެރިން ބައިނަލްއަގުވާމީ މާކެޓަށް ނުކުތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މިއީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދެއް ފުރިހަމަކަމާއެކު ފުދިގެން ދިޔަ މުނާސަބަތެއް ކަމަށެވެ. އަދި ރާއްޖޭގެ އުފެއްދުންތެރިންނާއި އީޖާދުކުރާ ފަރާތްތަކަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެމީހުންގެ ހުނަރުތައް ބައިނަލްއަގުވާމީ މާކެޓާ ހިއްސާކޮށް އޭގެން މަންފާލިބޭނެ ފަސޭހަ ގޮތްތަކެއް ހަމަޖެހިފައި ނެތުންކަން ފާހަގަކުރެއްވިއެވެ. ރާއްޖެއަކީ ކުޑަ ޤައުމަކަށްވާތީ އެފަދަ ފުރުސަތުތައް ފަހިކޮށްދެވެން ނެތް ކަމަށް ޒަމާންތަކެއްވަންދެން ބުނަމުންއައި ނަމަވެސް، އެކަން ގަބޫލުކުރައްވަން ބޭނުންފުޅުނުވި ކަމަށާއި ޕޭޕަލްގެ ޚިދުމަތް ގެނައުމުގެ މަސައްކަތް ފެއްޓެވީ އެ މަޤުސަދުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޕޭޕަލް ތަޢާރަފުކުރުމަކީ ސްޓްރެޓެޖިކް އިންފްރާސްޓްރަކްޗާއެއް ތަރައްގީ ކުރުމަށް ސަރުކާރުން ގެންގުޅޭ ބޮޑު ބްލޫޕްރިންޓެއްގެ މުހިންމު ހިއްސާއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިފަދަ ހުރިހާ މަސައްކަތެއްވެސް ކުރިއަށްގެންދަނީ 2040 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ތަރައްގީވެފައިވާ ޤައުމަކަށް ހެދުމަށް ގެންގުޅޭ ތަސައްވުރާ އެއްގޮތަށް ކަމަށާއި، ޤައުމުގެ އިގުތިސާދު ސިންދަފާތުނުކޮށް އެކަން ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ. 2030 ވަނަ އަހަރާ ހަމައަށް ޑިޖިޓަލް އިކޮނޮމީން ރާއްޖޭގެ އުފެއްދުންތެރިކަމަށް ހިއްސާކުރާ އަދަދު މަދުވެގެން 15 އިންސައްތައަށް އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. ގޫގަލް އާއެކު ދިވަރު އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ގެނައުމުގެ މަސައްކަތް ފަށާފައިވަނީވެސް އެ ތަސައްވުރާ އެއްގޮތަށް ކަމަށާއި، މިއަދު ރާއްޖެ އޮތީ އެންމެ ޒަމާނީ ޑިޖިޓަލް އިންފްރާސްޓްރަކްޗާއަކަށް ތައްޔާރަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޑިޖިޓަލް ވަސީލަތްތަކާއެއްވަރަށް ފިޒިކަލް ޖާގަތައްވެސް ތަރައްގީކުރައްވަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން، ކްރިއޭޓަރ ހަބްގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާކަމަށާއި މިއަހަރުގެ ނޮވެމްބަރު 11 ގައި އެތަން ހުޅުވިގެންދާނެ ކަމަށް ވިދާޅުވިއެވެ. މި ކްރިއޭޓަރ ހަބް ތަރައްގީ ކުރަނީ އެންމެފަހުގެ ވަސީލަތްތައް ހިމެނޭ ސްޓޫޑިއޯތަކާއި ގުޅިގެން މަސައްކަތްކުރާނެ ޖާގަތަކާއެކުގައެވެ.
މީގެ އިތުރުން ސަރަހައްދީ ފެސިލިޓީތައްވެސް ތަރައްގީ ކުރަމުން އަންނަ ކަމަށާއި، ކޮންމެ ރައްޔިތަކުވެސް މިކަމުގެ ފައިދާ ނަގައި ތަފާތު އުފެއްދުންތައް ދުނިޔެއާ ހިއްސާކުރުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. ޒަމާނުއްސުރެ ކާބަފައިން ރާއްޖެއާ ބައިނަލްއަގުވާމީ ދުނިޔެއާ ގުޅުވައިދިނީ ކަނޑުމަގުން ކަމަށާއި، މިއަދު ރާއްޖެ ބައިނަލްއަގުވާމީ ދުނިޔެއާ ގުޅުވާލަދެނީ ޑިޖިޓަލް އިގުތިސާދުގެ ތެރެއިން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.