މަސްވެރިކަމާއި ގުޅޭ

ކަޅުބިލަމަސް
ކަޅުބިލަމަސް/ ފޮޓޯ: މަސްވެރިން މީޑިއާ

ދުނިޔޭގެ ބާޒާރުގައި ފިނިކުރި ކަޅުބިލަމަހުގެ އަގު އުފުލިއްޖެ

ތައިލެންޑު ބާޒާރުގައި ފިނިކުރި ކަޅުބިލަމަހުގެ އަގު އުފުލިއްޖެއެވެ.

ދިވެހިރާއްޖެއިން އެންމެ ގިނައިން ފިނިކުރި ކަނޑުމަސް ބޭރުކުރާ ތައިލެންޑް ބާޒާރުގައި މަހުގެ އަގު އުފުލިއްޖެއެވެ. ފިޝަރީޒް މިނިސްޓްރީން އާންމުކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު ތައިލެންޑު ބާޒާރުގައި ފިނިކުރި ކަނޑުމަސް ކިލޯއެއްގެ އަގު މިދިޔަ މަހަށްވުރެ މިހާރު ވަނީ ވިހި އިންސައްތަ އުފުލިފައެވެ. އެގޮތުން މިހާރު ތައިލެންޑުގެ ބާޒާރުގައި ފިނިކުރި ކަޅުބިލަ މަސް ޓަނެއްގެ އަގު ހުރީ 23،130 ރުފިޔާއަށެވެ. މިދިޔަ މަހު އެޤައުމުގެ ބާޒާރުގައި ފިނިކުރި ކަޅުބިލަ މަސްޓަނެއް ލިބެންހުރީ 18،504 ރުފިޔާއަށްކަމަށް ފިޝަޒީން މިނިސްޓްރީން ބުނެއެވެ.

ރާއްޖޭން ރީނދޫއުރަހަ ކަންނެލި ބޭރުކުރާ އެއް މާރކެޓް ކަމަށްވާ ސްޕެއިންގެ މާރކަމެޑްރިޑްގެ މާކެޓްގައިވެސް ކަންނެލީގެ އަގު ވަނީ އުފުލިފައެވެ. އެގޮތުން މާރކަމެޑްރިޑްގެ ބާޒާރުގައި ރީނދޫ އުރަހަ ކަންނެލި ކިލޯއެއްގެ އަގު މިދިޔަ ހަފްތާގައި 385 ރުފިޔާއަށް ހުރިއިރު މިހަފްތާގައި ރީނދޫ އުރަހަ ކަންނެލި ކިލޯއެއްގެ އަގު ވަނީ 403 ރުފިޔާއަށް އުފުލިފައެވެ.

މީގެއިތުރުން ލޯބޮޑު ކަންނެލީގެ އެންމެ ޑިމާންޑް ބޮޑު އެއް މާރކެޓް ކަމަށްވާ ޖަޕާންގެ ޓޯކިޔޯ މެޓްރޮޕޮލިޓަން ނީލަން ބާޒާރުގައި މިދިޔަ ހަފްތާއާ އަޅާ ބަލާއިރު މިހަފްތާގައި ވަނީ ލޯބޮޑު ކަންނެލީގެ އަގު ދަށަށް ގޮސްފައެވެ. އެބާޒާރުގައި މިދިޔަ ހަފްތާގައި ލޯބޮޑު ކަންނެލި ކިލޯއެއްގެ އަގު 282 ރުފިޔާއަށް ހުރިއިރު މި ހަފްތާގައި ލޯބޮޑު ކަންނެލި ކިލޯއެއްގެ އަގު ހުރީ 216 ރުފިޔާއަށް ދަށަށް ގޮސްފައެވެ.

ރާއްޖޭގައި މަސް ގަންނަ ކުންފުނިތަކުން މަސް ގަންނަމުންދަނީ ފިނިކުރި މަސް ކިލޯއެއް 20 ރުފިޔާއަށެވެ. އަދި ފިނިނުކުރާ މަސްކިލޯއެއް ހުރީ 18 ރުފިޔާއަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!