މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށާއި، އިސްރަށްވެހިންގެ ލާބައާއި މަންފާއަށް މަސައްކަތްކުރާ މަދަނީ ޖަމިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މި ޕްރޮގްރާމަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ "ސްޓްރެންތެނިންގ ޖެންޑަރ އިންކްލޫސިވް އިނިޝިއޭޓިވްސް" މަޝްރޫޢުގެ ދަށުން ހިންގާ ހަރަކާތެކެވެ.
މި އެހީގެ މައިގަނޑު މަޤްޞަދަކީ މިންތީގެ ހަމަހަމަކަން ޤާއިމުކުރުމުގެ ޤައުމީ އެކްޝަން ޕްލޭނާއި، އިސްރަށްވެހިންގެ ޤައުމީ ސިޔާސަތުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލުކުރުމެވެ. މިގޮތުން ގެވެށި އަނިޔާއާއި ވަކި ޖިންސަކަށް ވީތީ ކުރެވޭ އަނިޔާ ހުއްޓުވުމަށް ހޭލުންތެރިކަން އިތުރުކުރުމާއި، އަނިޔާ ލިބޭ ފަރާތްތަކަށް ދޭ ޚިދުމަތްތައް ހަރުދަނާކުރުމަށް ހިންގާ މަޝްރޫޢުތަކަށް އިސްކަންދޭނެއެވެ. މީގެ އިތުރުން މުޖުތަމަޢުގެ ފެންވަރުގައި މައްސަލަތައް ދެނެގަތުމާއި، ރިފަރަލް ނިޒާމު ހަރުދަނާކުރުމަށްވެސް އެހީއަށް އެދި ހުށަހެޅޭނެއެވެ.
މާލީ އެހީ ދިނުމަށް ހަމަޖެހިފައިވާ މިންވަރުތަކަށް ބަލާއިރު، ގެވެށި އަނިޔާ ހުއްޓުވުމުގެ ދާއިރާއިން ވަކިވަކި ޖަމިއްޔާތަކުން ހުށަހަޅާ ޕްރޮގްރާމްތަކަށް 771,000 ރުފިޔާއާ ހަމައަށް އެހީ ލިބޭނެއެވެ. އަދި ޕާޓްނަރޝިޕް އުސޫލުން ހިންގާ މަޝްރޫޢުތަކަށް 1,156,500 ރުފިޔާ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އިސްރަށްވެހިންގެ ދުޅަހެޔޮކަމަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް 616,800 ރުފިޔާއާ ހަމައަށް އެހީ ދިނުމަށް ނިންމާފައިވާއިރު، ޕާޓްނަރޝިޕްތަކަށް 925,000 ރުފިޔާ ކަނޑައަޅާފައިވެއެވެ.
މި މަޝްރޫޢުގެ ދަށުން ގެވެށި އަނިޔާއާ ގުޅޭ ހަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީ، އައްޑޫ ސިޓީ އަދި ރ. އަތޮޅުގައެވެ. ނަމަވެސް އިސްރަށްވެހިންގެ ދުޅަހެޔޮކަމަށް އަމާޒުކޮށްގެން ހިންގާ ހަރަކާތްތައް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ކުރިއަށް ގެންދެވޭނެ ކަމަށް ވުޒާރާއިން މަޢުލޫމާތުދެއެވެ. މިކަމާ ގުޅޭ އުސޫލު މިހާރު ވަނީ އާންމުކޮށްފައިވާއިރު، އޭގައި ގްރާންޓަށް ހުށަހެޅޭނެ ދާއިރާތަކާއި އިދާރީ ތަފްސީލުތައް ހިމެނެއެވެ.