ޓީޖީއެސްޓީގެ އެހީގައި ދައުލަތުގެ އާމްދަނީއަށް ބޮޑު ކުރިއެރުމެއް

LR30UtMSA3fWKwKyAmMCRLsOy_mira-1

ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ މުދަލާއި ހިދުމަތުގެ ޓެކްސް (ޓީޖީއެސްޓީ) އަށް އައި ކުރިއެރުމާއެކު، މިއަހަރު ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްއިން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކާގޮތުގައި، މިއަހަރުގެ ޖޫން މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 19.1 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 17.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.8 ބިލިއަން ރުފިޔާ ނުވަތަ 10.1 އިންސައްތައިގެ އިތުރުވުމެކެވެ.

ދައުލަތަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ލިބުނު ފައިސާއެވެ. އެގޮތުން ޖުމްލަ އާމްދަނީގެ 78 އިންސައްތައަކީ ޓެކްސްގެ ގޮތުގައި ލިބުނު ފައިސާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޓެކްސްގެ ގޮތުގައި 13.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރު އެ އަދަދު ވަނީ 14.8 ބިލިއަން ރުފިޔާއަށް އުފުލިފައެވެ.

މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ. މިދިޔަ އަހަރު ޓީޖީއެސްޓީގެ ގޮތުގައި 5.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރު އެ އަދަދު ވަނީ 6.0 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ އިތުރުން، އާންމު ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ ވެސް ވަނީ 2.2 ބިލިއަން ރުފިޔާއިން 2.5 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ޚަރަދުތަކަށް ބަލާއިރު، މިއަހަރުގެ ޖޫން 4 ގެ ނިޔަލަށް ރިކަރަންޓް އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 19.2 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 17.6 އިންސައްތަ އިތުރު އަދަދެކެވެ. މީގެ ތެރެއިން މަގުތަކާއި ފާލަން އަދި އެއާޕޯޓް ފަދަ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް 818.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

މީގެއިތުރުން، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާތީ ސަބްސިޑީތަކަށް ކުރާ ޚަރަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރު ސަބްސިޑީއަށް 1.3 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއަހަރުގެ މި މުއްދަތުގައި އެ އަދަދު ވަނީ 2.3 ބިލިއަން ރުފިޔާއަށް އަރާފައެވެ. ފައިނޭންސް މިނިސްޓްރީން ބުނީ މި ތަފާސްހިސާބުތަކުން ދޭހަވަނީ ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ އާމްދަނީއާއެކު ދައުލަތުގެ މާލީ ދުޅަހެޔޮކަން އިތުރުވަމުންދާކަން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ