ހިޖުރީ އައު އަހަރު: އެކަކު އަނެކަކަށް އެހީތެރިވުމުގެ މަތިވެރި ރޫޙު ދިރުވުމަށް ރައީސް އިލްތިމާސްކުރައްވައިފި

459385_f2274519-d_

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހިޖުރީ އައު އަހަރުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށާއި އިސްލާމީ އުންމަތަށް ތަހުނިޔާ ފޮނުއްވާފައެވެ.

މި މުނާސަބަތުގައި ނެރުއްވި ޚިޠާބުގައި އެމަނިކުފާނު އެންމެ ބޮޑަށް ބާރުއެޅުއްވީ، މީގެ އެތައް އަހަރެއް ކުރިން މަދީނާގެ އަންޞާރީންނާއި މުހާޖިރުން ދެއްކެވި ފަދަ އެކުވެރިކަމާއި އޯގާތެރިކަމުގެ ރޫޙު ދިވެހި މުޖުތަމަޢުގައި ދިރުވުމަށެވެ.

ހިޖުރީ ތާރީޚުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މާތް ނަބިއްޔާ ﷺ އާއި އެކަލޭގެފާނުގެ އަޞްޙާބުން މައްކާ ދޫކުރައްވައި މަދީނާއަށް ކުރެއްވި ހިޖުރައަކީ އަނިޔާވެރިކަމުގެ މައްޗަށް ޢަދުލުވެރިކަން ހޯދި މަތިވެރި ނަޞްރެއް ކަމަށެވެ. މިއީ ބައިބައިވުމުގެ ބަދަލުގައި އެއްބައިވަންތަކަން އިސްކުރުމަށް މުޅި އުންމަތަށް ދަސްކޮށްދިން ތާރީޚީ ފިލާވަޅެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މި ހާދިސާއިން ދަސްކޮށްދެނީ ކިތަންމެ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް، ކެތްތެރިކަމާއެކު ސާބިތުވެ ތިބުމުން ލިބޭނެ ފޮނި ނަތީޖާ ކަމަށްވެސް ވިދާޅުވިއެވެ.

ޤައުމީ މަޞްލަޙަތު އިސްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ސިޔާސީ އަދި އިޖުތިމާޢީ ގޮތުން އުފެދޭ ޚިޔާލުތަފާތުވުންތައް އެއްކިބާކުރުމަށް ރައީސް ގޮވާލެއްވިއެވެ. ޤައުމެއް ބިނާކުރެވޭނީ އެންމެންގެ ހިތްތައް ސާފުކޮށް، އެއް އަމާޒަކަށް މަސައްކަތް ކޮށްގެން ކަމަށާއި، ނޭދެވޭ ކަންކަމުން ދުރުވެ ހެޔޮ މަގަށް ހިޖުރަކުރުމަކީ މިއަދު އަޅުގަނޑުމެން ކުރަންޖެހޭ ޢަޒުމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުގެ ސިޔާސަތުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އިސްލާމީ ޞައްޙަ ޢަޤީދާގެ މަތީގައި ތަރުބިއްޔަތުވާ، ދީނާއި ޤައުމަށް ވަފާތެރި ޖީލެއް ބިނާކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު ކަމަށެވެ. ދިވެހީންގެ މެދުގައި އޮތް އިސްލާމީ ވަޙްދަތަކީ ޤައުމުގެ އެންމެ ބޮޑު ބާރުކަން ފާހަގަކުރައްވައި، އިސްލާމީ އުސޫލުތައް ހިމާޔަތްކުރުމާއި ޤައުމުގެ މިނިވަންކަން ނަގަހައްޓައި، ހުރިހާ ރައްޔިތުންނަށް ހަމަހަމަކަން ކަށަވަރުކޮށްދިނުމުގައި ސަރުކާރު ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ފެށުނު އައު އަހަރަކީ އިޤްތިޞާދު އާރާސްތުކޮށް، އިޖުތިމާޢީ ފޭރާން ވަރުގަދަކުރުމަށް ލިބުނު އާ ފުރުޞަތެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ. މީގެ އިތުރުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ޚާއްޞަކޮށް ފަލަސްޠީނުގެ ބިމުގައި އަނިޔާ ލިބެމުންދާ މުސްލިމް އަޚުންނާއި އުޚުތުންނަށް ހެޔޮދުޢާ ކުރުމުގައި ދެމިތިބުމަށްވެސް އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ނިންމަވާލެއްވީ، މި ފެށުނު ހިޖުރީ އައު އަހަރަކީ ރާއްޖެއަށާއި މުޅި އިސްލާމީ އުންމަތަށް ބާއްޖަވެރި، އަމާން އަދި ފާގަތި އަހަރެއް ކަމުގައި ލެއްވުން އެދި ދުޢާ ކުރައްވަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ