މާފުށީ ޖަލުގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާކޮށް، ޖަލަށް މަނާތަކެތި ވެއްދުން ހުއްޓުވުމަށްޓަކައި އެ ޖަލުގައި އަލަށް ބެހެއްޓި ބެގެޖް ސްކްރީނިންގ މެޝިން ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.
މާފުށީ ޖަލުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ޚިދުމަތް އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާނެވެ. މިއީ މާފުށީ ޖަލުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމުގެ ގޮތުން އެ ޖަލުގައި މިފަދަ މެޝިނެއް ބެހެއްޓި ފުރަތަމަ ފަހަރެވެ.
ޖަލުތަކުގެ ސެކިއުރިޓީ ހަރުދަނާކުރުމަށް މާފުށީ ޖަލުގައި ބެގެޖް ސްކްރީނިންގ މެޝިނެއް ބޭނުންކުރަން ފަށައިފިhttps://t.co/qgelBbpws9@HomeMinistrymv @CustomsMv @ImmigrationMV @MACLmedia pic.twitter.com/6uv252KaOo
— Maldives Correctional Service (@CorrectionsMv) June 15, 2026
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުން ހިންގާ މާފުށީ ޖަލަށް މި ބެގެޖް ސްކްރީނިންގ މެޝިން ހަދިޔާކޮށްފައިވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ފަރާތުންނެވެ. މި މެޝިން އޮޕަރޭޓްކުރާނެ ގޮތުގެ ފަންނީ އަދި އަމަލީ ތަމްރީނުތައް އެމްއޭސީއެލްގެ ފަރާތުން ޖަލުގެ އޮފިސަރުންނަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ތަކެތި ސްކްރީން ކުރުމުގެ ޚާއްޞަ ހުނަރުތަކާއި ތަމްރީނުތައް ދިނުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ފަރާތުންނެވެ.
މި މެޝިން ބޭނުންކުރަން ފެށުމާއެކު، ޖަލަށް އަލަށް ގެންނަ ގައިދީންނާއި ބަންދު މީހުންގެ އަތުގައި ހުންނަ ތަކެތި ވަރަށް ފަސޭހައިން ސްކްރީން ކުރެވިގެންދާނެއެވެ. އަދި ގައިދީންގެ އާއިލާތަކުން އެމީހުންނަށް ފޮނުވާ ތަކެއްޗާއި، އާއިލީ ބައްދަލުވުންތަކަށާއި އެކަހެރި ބައްދަލުވުންތަކަށް ޖަލަށް ޒިޔާރަތްކުރާ ފަރާތްތަކުން ގެންދާ ހުރިހާ ތަކެއްޗެއްވެސް ދެން ސްކްރީން ކުރާނީ މި މެޝިން މެދުވެރިކޮށެވެ. މީގެ ސަބަބުން ޖަލަށް ވަގަށް އެތެރެކުރަން އުޅޭ މަނާ ތަކެތި ދެނެގަތުން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެއެވެ.
ޖަލުތަކަށް މަނާ ތަކެތި ވެއްދުމުގެ މައްސަލައަކީ ރާއްޖޭގައި ބޮޑުވެފައިވާ މައްސަލައަކަށް ވާއިރު، މިކަމަށް ދާއިމީ އަދި ހަރުދަނާ ހައްލެއް ހޯދުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ޖަލުތަކުގެ ސެކިއުރިޓީ ނިޒާމު ޒަމާނީ ވަސީލަތްތަކާއެކު ހަރުދަނާކުރުމަކީ ސަރުކާރުން ހާއްސަ އިސްކަމެއްދޭ ކަމެއް ކަމުގައި ހޯމް މިނިސްޓަރ ފާހަގަކުރެއްވިއެވެ.