ވޯލްޑް ކަޕް: ބެލްޖިއަމާއި މިސްރުގެ ކުރިމަތިލުން އެއްވަރުވެގެން ނިމިއްޖެ

ވޯލްޑް ކަޕުގައި ބެލްޖިއަމް އާއި މިސްރު ބައްދަލުކުރި މެޗުގެ ތެރެއިން
ވޯލްޑް ކަޕުގައި ބެލްޖިއަމް އާއި މިސްރު ބައްދަލުކުރި މެޗުގެ ތެރެއިން

ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ޖީގައި ބެލްޖިއަމާއި މިސްރު ބައްދަލުކުރި ފޯރިގަދަ މެޗު އެއްވަރުވެގެން ނިމިއްޖެއެވެ. އެމެރިކާގެ ވޮޝިންޓަންގެ ސިއެޓަލް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ލީޑު ނެގީ މިސްރުންނެވެ. މެޗުގެ 20 ވަނަ މިނެޓުގައި މިސްރުގެ ތަރި މުޙައްމަދު ސަލާހު ތަނަވަސްކޮށްދިން ފުރުސަތަކުން، އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން އެ ޓީމަށް ލީޑު ހޯދައިދިނީ އިމާމް އާޝޫރެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި މެޗު ކުޅުނު ދުވަހަކީ މިސްރުގެ ކެޕްޓަން ސަލާހުގެ 34 ވަނަ އުފަން ދުވަހެވެ.

މެޗުގެ ދެވަނަ ހާފުގައި ބެލްޖިއަމުން ވަނީ ކުޅުން ރަނގަޅުކޮށް މިސްރުގެ ގޯލަށް ބާރުބޮޑުކޮށްފައެވެ. އެ ޓީމުން ނަތީޖާ އެއްވަރުކުރީ މެޗުގެ 66 ވަނަ މިނެޓުގައެވެ. ބެލްޖިއަމްގެ ތަޖުރިބާކާރު ފޯވާޑް ރޮމެލޫ ލުކާކޫ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އުފެއްދި ހަމަލާއެއް ހުއްޓުވަން އުޅުމުގެ ތެރޭގައި، މިސްރުގެ މުޙައްމަދު ހާނީ އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެފައެވެ.

މި ނަތީޖާއާއެކު ވޯލްޑް ކަޕްގެ ތާރީޚުގައި މިސްރުން މޮޅެއް ހޯދުމަށް ކުރަމުންދާ އިންތިޒާރު ވަނީ އިތުރަށް ދިގުލައިގެން ގޮސްފައެވެ. މިހާތަނަށް ހަތަރު ވޯލްޑް ކަޕެއްގައި (1934، 1990، 2018 އަދި 2026) ވާދަކޮށްފައިވާ މިސްރުން ވަނީ ޖުމްލަ 8 މެޗު ކުޅެފައެވެ. ނަމަވެސް މީގެ ތެރެއިން އެއްވެސް މެޗަކުން އެ ޓީމަށް މޮޅެއް ހޯދިފައެއް ނުވެއެވެ. މިހާތަނަށް ކުޅުނު މެޗުތަކުގެ ތެރެއިން 3 މެޗު އެއްވަރުވެފައިވާއިރު، ބާކީ 5 މެޗުން އެ ޓީމު ވަނީ ބަލިވެފައެވެ.

މި މެޗުން ލިބުނު ޕޮއިންޓާއެކު ގްރޫޕް ޖީގެ ވާދަވެރިކަން ވަނީ ބޮޑުވެފައެވެ. ދެ ޓީމަށްވެސް ކުރިއަށް ހުރި މެޗުތަކަކީ މުބާރާތުގެ ދެވަނަ ބުރަށް ދިއުމަށް ނުހަނު މުހިންމު މެޗުތަކެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ