ވޯލްޑް ކަޕް: އުރުގުއޭއާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކައި ސައުދީ އަރަބިއްޔާއިން އެއްވަރުކޮށްފި

Saudi Arabia's Abdulelah Al Amri celebrates scoring their first goal in Miami.
ސައުދީއަރަބިއްޔާގެ އަބްދުالله އަލ އަމްރީ ގޯލް ޖެހުމަށްފަހު އުފާފާޅުކުރަނީ. ފޮޓޯ: ރޮއިޓަސް

ފީފާ ވޯލްޑް ކަޕް 2026 ގައި ސައުދީ އަރަބިއްޔާ އާއި އުރުގުއޭ ބައްދަލުކުރި ފޯރިގަދަ މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމިއްޖެއެވެ.

އެމެރިކާގެ މަޔާމީގައި ކުޅުނު މި މެޗުގައި ދެ ޓީމަށްވެސް ބޮޑު ގޮންޖެހުމަކަށްވީ އެ ސަރަހައްދުގެ ހޫނުމިން 31 ޑިގްރީ ސެލްސިއަސްގައި ހުރުމާއި ވައިގެ ތެތެރަކަން 86 އިންސައްތައިގައި ހުރުމުގެ ސަބަބުން ކުރިމަތިވި އާދަޔާ ހިލާފު ހޫނުގަދަ މާހައުލެވެ. މި ހޫނުގަދަ މާހައުލުގައި ސައުދީން ވަނީ ފުރަތަމަ ހާފުގައި މޮޅު ކުޅުމެއް ދައްކައި އުރުގުއޭގެ ވަރުގަދަ ހަމަލާތައް ހުއްޓުވާފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި އުރުގުއޭއިން ބޯޅަ ހިފަހައްޓައިގެން ގިނަ ވަގުތު ކުޅުނު ނަމަވެސް، ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ސައުދީ އަރަބިއްޔާއިންނެވެ. މެޗުގެ 41 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން ސައުދީގެ މިޑްފީލްޑަރު މުހައްމަދު ކަންނޯ ބޮލުން ފޮނުވާލި ހަމަލާ އުރުގުއޭގެ ގޯލްކީޕަރު ފެނާންޑޯ މުސްލޭރާ އަތުގައި ޖެހިފައި ނުކުތް ވަގުތު، ސައުދީގެ ޑިފެންޑަރު އަބްދުލްއިލާހް އަލް އަމްރީ ވަނީ އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. މިއީ އަލް އަމްރީ ގައުމީ ޓީމަށް ކާމިޔާބުކޮށްދިން ދެވަނަ ލަނޑެވެ. މިއީ 1994 ވަނަ އަހަރު އެމެރިކާގައި ބޭއްވި ވޯލްޑް ކަޕަށްފަހު، ސައުދީން ވޯލްޑް ކަޕް މެޗެއްގެ ފުރަތަމަ ހާފު ލީޑެއްގައި އޮވެ ނިންމާލި ފުރަތަމަ ފަހަރެވެ. އެ އަހަރު ސައުދީން ވަނީ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ.

ދެވަނަ ހާފު ފެށުމާއެކު އުރުގުއޭގެ ކޯޗު މާސެލޯ ބިއެލްސާ ވަނީ ޓީމުގެ ކުޅުމަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ސްޓްރައިކަރު ޑާވިން ނޫނޭޒްގެ ބަދަލުގައި ހުއާން ސަނާބްރިއާ ކުޅެން އެރުވުމުން އުރުގުއޭގެ ކުޅުން އިތުރަށް ވަރުގަދަވެ، ސައުދީގެ ގޯލަށް ބާރުބޮޑުވިއެވެ. މުޅި މެޗުގައި އުރުގުއޭއިން 65 އިންސައްތަ ބޯޅަ ހިފަހައްޓައިގެން ކުޅުނުއިރު، ސައުދީގެ ގޯލަށް އަމާޒުކޮށް 28 ހަމަލާ ފޮނުވާލިއެވެ. މީގެ ތެރެއިން 10 ހަމަލާއެއް ސައުދީގެ ގޯލާ އަމާޒުވިއެވެ. މި ހަމަލާތަކުގެ ސަބަބުން ސައުދީގެ ކުޅުންތެރިން ވަރަށް ބޮޑަށް ވަރުބަލިވެގެން ދިޔައެވެ.

އުރުގުއޭގެ ނުރައްކާތެރި ހަމަލާތައް ހުއްޓުވުމުގައި ސައުދީގެ ގޯލްކީޕަރު މުހައްމަދު އަލް އުވައިސް ވަނީ ހީރޯއެއްގެ ދައުރު އަދާކޮށްފައެވެ. އޭނާ ވަނީ މެޗުގައި ނުރައްކާތެރި 7 ހަމަލާއެއް ދިފާއުކޮށްފައެވެ. މީގެ ތެރޭގައި މެނުއަލް އުގާޓޭ ފޮނުވާލި ބާރު ހަމަލާއަކާއި، ފެޑެރީކޯ ވީނިއާސްގެ ބޮލުން ފޮނުވާލި ހަމަލާގެ އިތުރުން، މެޗުގެ އިތުރު ވަގުތުގައި ނިކޮލަސް ޑި ލާ ކްރޫޒް އަދި ފެޑެރީކޯ ވަލްވާޑޭ ފޮނުވާލި ނުރައްކާތެރި ހަމަލާތައް ހިމެނެއެވެ. ކީޕަރުގެ މި މޮޅު ކުޅުމުގެ ސަބަބުން ސައުދީއަށް މެޗުން ޕޮއިންޓެއް ކަށަވަރުކުރެވުނެވެ.

އުރުގުއޭއިން މެޗުގެ ނަތީޖާ އެއްވަރުކުރީ 80 ވަނަ މިނެޓުގައެވެ. ކީޕަރު އަލް އުވައިސް އަތުން ކަސިޔާރުވެގެން ނުކުތް ބޯޅައެއް ހޯދައި، އުރުގުއޭގެ މެކްސީ އަރައުހޯ ވަނީ ގޯލުގެ ކައިރި ކަނަށް ބޯޅަ ފޮނުވާލައިގެން އެ ޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ސައުދީގެ ކޯޗު ޖިއޯޖިއޯސް ޑޯނިސް މެޗުގެ ބަދަލުތައް ގެނައުން ލަސްކުރިއިރު، ފަހު ތިން ބަދަލު ގެނައީ މެޗުގެ އެންމެ ފަހު މިނެޓުތަކުގައެވެ. ސައުދީ ޓީމު މި މުބާރާތާ ކުރިމަތިލީ ކޮލިފައިންގައި ދަށް ނަތީޖާތަކެއް ލިބުމަށްފަހު، ކުރީގެ ކޯޗު ހާވް ރެނާޑް ވަކިކޮށް ޑޯނިސްއާ ޓީމު ހަވާލުކޮށްގެންނެވެ.

މި ނަތީޖާއާއެކު ގްރޫޕް އެޗްގެ ހުރިހާ ޓީމެއް މިހާރު އޮތީ އެއްވަރެއްގައެވެ. މި ގްރޫޕްގައި ހިމެނޭ ކޭޕް ވާޑް އާއި ސްޕެއިން ބައްދަލުކުރި މެޗުވެސް ވަނީ 0-0 އިން އެއްވަރުވެފައެވެ. ސައުދީ އަރަބިއްޔާ ދެން ބައްދަލުކުރާނީ މި ގްރޫޕްގެ އެންމެ ވަރުގަދަ ޓީމު ކަމަށް ބެލެވޭ ސްޕެއިންއާއެވެ. އެ މެޗު އޮންނާނީ ޖޫން 21 ގައި އެޓްލާންޓާގައެވެ. ސައުދީގެ ސަޕޯޓަރުން އުންމީދު ކުރަނީ 1994 ވަނަ އަހަރެކޭ އެއްގޮތަށް މިފަހަރު އެމެރިކާގައި ބޭއްވާ މުބާރާތުންވެސް ދެވަނަ ބުރަށް ދަތުރުކުރެވޭނެ ކަމަށެވެ

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ