ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު އޮތް މަސްވެރިކަމާއި ދަނޑުވެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ދިވެހި ސަފީރު އަހުމަދު މަހުލޫފު ޖަޕާނުގެ އެގްރިކަލްޗަރ، ފޮރެސްޓްރީ އެންޑް ފިޝަރީޒް މިނިސްޓަރު ނޮރިކަޒޫ ސުޒުކީއާއެކު މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ.
ޖަޕާނަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ތަރައްގީކުރުމުގައި ޒަމާންވީ އެހީތެރިއެއްކަން ސަފީރު އަހުމަދު މަހުލޫފު ފާހަގަކުރެއްވިއެވެ. އެގޮތުން، ފަންނީ ދާއިރާތަކުންނާއި މަސައްކަތްތެރިންގެ ހުނަރު އިތުރުކުރުމުގެ އިތުރުން، މަސްވެރިކަމުގެ ދާއިރާ ޒަމާނީކުރުމަށް ޖަޕާނުން ފޯރުކޮށްދޭ އެހީތެރިކަމަށް ސަފީރު ޝުކުރު އަދާކުރެއްވިއެވެ. ދެ ޤައުމުގެ ދެމެދުގައި ރަސްމީ ޚާރިޖީ ގުޅުން ގާއިމުކުރުމުގެ ކުރިންވެސް ޖަޕާނުގެ މަސްވެރިކަމުގެ ތަޖުރިބާކާރުން ރާއްޖެއަށް ޒިޔާރަތްކޮށް، ދާއިރާ ކުރިއެރުވުމަށް އަގުހުރި މަސައްކަތްތަކެއް ކޮށްފައިވާކަން ސަފީރު ހަނދާން އާކުރެއްވިއެވެ.
ޖަޕާނުގެ އެގްރިކަލްޗަރ މިނިސްޓަރުގެ އަރިހަށް ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގައި، ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާއިން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ގޮތްތަކާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނެވެ. މި ބައްދަލުވުމުގައި ޤައުމީ ފެންވަރުގައި ދެ ޤައުމަށް ފައިދާހުރި ގިނަ ކަންތައްތަކެއްގެ މައްޗަށް އަލިއަޅުވާލެވުނެވެ.
ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރިތާ އަންނަ އަހަރަށް 60 އަހަރު ފުރޭއިރު، އެ މުނާސަބަތާ ގުޅިގެން ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، އާ ހަރުފަތަކަށް ގެންދިއުމަށް މަސައްކަތް ކުރުމަށް ދެ ބޭފުޅުން ވެސް ވަނީ އެއްބަސްވެވަޑައިގެންފައެވެ. މި މުހިންމު ޚާރިޖީ ގުޅުމަކީ ދެ ޤައުމުގެ ތަރައްގީއަށް މަގުފަހިކޮށްދޭ މުހިންމު ބިންގަލެއްކަމަށް ސަފީރު ވިދާޅުވިއެވެ.