ދައުލަތުގެ ދަރަނި އަދާކުރުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި އުފައްދާފައިވާ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް) އަށް މިއަހަރުގެ މިހާތަނަށް އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަމަށް މިނިސްޓްރީ އޮފް ފައިނޭންސްއިން ހާމަކޮށްފިއެވެ.
މާލީ ކަންކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ދައުލަތުގެ އާމްދަނީއާއި ހަރަދުތަކުގެ ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޖޫން މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް އެސްޑީއެފްއަށް 1.03 ބިލިއަން ރުފިޔާ ވަނީ ޖަމާކޮށްފައެވެ. މި ފައިސާ ފަންޑަށް ޖަމާކޮށްފައިވަނީ ބޭރު ފައިސާއިންނެވެ. މިއީ ކުރިއަށް އޮތް ތަނުގައި ދައުލަތުން އަދާކުރަންޖެހޭ ބޮޑެތި ދަރަނިތަކަށް ތައްޔާރުވުމުގެ ގޮތުން ކުރެވޭ މުހިންމު މަސައްކަތެކެވެ.
2017 ވަނަ އަހަރު އުފެއްދި މި ފަންޑުގައި 2018 ވަނަ އަހަރުގެ ނިޔަލަށް ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ހުއްޓެވެ. ނަމަވެސް، 2019 ވަނަ އަހަރު ފިނޭންސް މިނިސްޓްރީއާއި އެމްއެމްއޭއާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ފަންޑުގައި ހުރި ބޭރު ފައިސާގެ ބޮޑު ބައެއް ވަނީ މާރުކޮށްފައެވެ. މި ސަރުކާރުން މަގާމާ ހަވާލުވިއިރު ފަންޑުގައި ބޭރު ފައިސާގެ ގޮތުގައި ހުރީ އެންމެ ދެ މިލިއަން ޑޮލަރެވެ.
މި ސަރުކާރުން ވަނީ އެސްޑީއެފްއަށް ބޭރު ފައިސާ ޖަމާކުރުން އިތުރުކޮށް، 500 މިލިއަން ޑޮލަރުގެ ސުކޫކު ޕޭމަންޓުގެ ބޮޑު ބައެއް އެ ފަންޑުން ހަމަޖައްސާފައެވެ. މި ފިޔަވަޅާއެކު، ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗް ރޭޓިންސްއިން ވަނީ ރާއްޖޭގެ ރޭޓިން "ސީސީ" އިން "ސީސީސީ-" އަށް މަތިކޮށްފައެވެ. ފިޗުން ފާހަގަކޮށްފައިވާ ގޮތުގައި، ދަރަނި އަދާކުރުމަށްފަހުވެސް ފަންޑަށް ފައިސާ ޖަމާވަމުން ދިއުމަކީ ރާއްޖޭގެ އިގުތިސާދީ ދެމެހެއްޓެނިވިކަން ހުރިކަމުގެ ހެއްކެކެވެ.