ލޯކަލް ކައުންސިލްތަކުގެ މާލީ ބާރުވެރިކަން އިތުރުކުރުމަށް ދައުލަތުގެ ބަޖެޓުން ދޫކުރާ ބްލޮކް ގްރާންޓުގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު 11.3 އިންސައްތަ އިތުރުވެފައިވާކަން މާލީ ކަންކަމާއި އާއްމު ވިޔަފާރިތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
މާލީ ވުޒާރާއިން ހަފުތާއަކު އެއްފަހަރު އާއްމުކުރާ ދައުލަތުގެ އާމްދަނީއާއި ހަރަދުގެ ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޖޫން މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 1.04 ބިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ދޫކުރި 897.1 މިލިއަން ރުފިޔާއާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ.
2020 ވަނަ އަހަރުން ފެށިގެން ކައުންސިލްތަކަށް ބްލޮކް ގްރާންޓް ދޭން ފެށީ، ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައާއި އިދާރީ ކަންކަމުގައި ކައުންސިލްތަކުގެ އަމިއްލަ އިހުތިޔާރު ބޮޑުކުރުމުގެ މަގްސަދުގައެވެ. މި ފައިސާގެ އެހީގައި ރަށްރަށުގައި ކުދި އަދި މެދުފަންތީގެ މަޝްރޫއުތައް ހިންގުމުގެ ފުރުސަތު ކައުންސިލްތަކަށް ލިބިގެންދެއެވެ.
މީގެ އިތުރުން، ކައުންސިލްތަކަށް ދޫކުރާ ގްރާންޓުގެ ތެރެއިން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް (ޑަބްލިއުޑީސީ) ހާއްސަކޮށްފައިވާ މިންވަރު 5 އިންސައްތައިން 10 އިންސައްތައަށް އިތުރުކުރުމަށް މި ސަރުކާރުން ވަނީ ގާނޫނަށް އިސްލާހު ގެނެސްފައެވެ. މިއީ ރަށްރަށުގެ އިޖުތިމާއީ ތަރައްގީގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ފާހަގަކުރެއެވެ.
ކައުންސިލްތަކުގެ އާމްދަނީ އިތުރުކުރުމަށްޓަކައި، ރަށްރަށުގެ އިހުތިސާސުގެ ތެރޭގައި ކުރިން ނުހިމެނޭ ބިންތަކާއި ފަޅުރަށްތައް ކައުންސިލްތަކާ ހަވާލުކުރުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އަދި ކައުންސިލްތަކަށް އަމިއްލައަށް ޒިންމާވާ ގޮތަށް ބޭންކުތަކުން ލޯނު ނެގޭނެ މަގު ފަހިކޮށްދިނުމަށް ގާނޫނަށް ވަނީ ބަދަލު ގެނެސްފައެވެ.
ކައުންސިލްތަކުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި، ރަށްރަށުގައި ކައުންސިލް އިދާރާގެ އައު އިމާރާތްތައް އެޅުމުގެ ބޮޑު މަޝްރޫއެއްވެސް މިހާރު ދަނީ ކުރިއަށެވެ. ސަރުކާރުގެ އަމާޒަކީ އަންނަ ޖުލައި މަހުގެ ނިޔަލަށް 50 އަށްވުރެ ގިނަ ރަށެއްގައި ކައުންސިލް އިދާރާގެ އައު އިމާރާތްތައް އަޅައި ނިންމުމެވެ. މި ބަދަލުތަކާއެކު ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް ގާތުން ހިދުމަތް ދިނުމަށް މަގުފަހިވާނެ ކަމަށް ބެލެވެއެވެ.