"ވަން ޕްރިޒަން ކޮންސެޕްޓް" ގެ އަމަލީ މަސައްކަތް ފަށައިފި ކަމަށް ވަޒީރު އިހުސާން ވިދާޅުވެއްޖެ

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ހިންގި އެކި ކޯސްތައް ފުރިހަމަކުރި ގައިދީންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ކަރެކްޝަންސް
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ހިންގި އެކި ކޯސްތައް ފުރިހަމަކުރި ގައިދީންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ކަރެކްޝަންސް

ޖަލުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި އިންފްރާސްޓްރަކްޗާގެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ގެންގުޅޭ "ވަން ޕްރިޒަން ކޮންސެޕްޓް" ގެ އަމަލީ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ހިންގި އެކި ކޯސްތައް ފުރިހަމަކުރި ގައިދީންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ޖަލުތަކުގެ ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ. މި އާ ކޮންސެޕްޓަކީ ރާއްޖޭގެ ޖަލުތަކުގެ ނިޒާމު އެއް ފުރާޅެއްގެ ދަށަށް ގެނެސް، ހިންގުން ހަރުދަނާ ކުރުމަށް އެކުލަވާލާފައިވާ ތަސައްވުރެކެވެ.

ވަޒީރުގެ ވާހަކަފުޅުގައި ގައިދީން އިސްލާހުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގައި ބައިވެރިވާ ގައިދީން އެ ޕްރޮގްރާމްތަކުގައި ހޭދަކުރާ ކޮންމެ ދުވަހަކީ އެމީހެއްގެ ޖަލު ހުކުމުން އުނިވާ ދުވަހެއްގެ ގޮތުގައި ހަމަޖެއްސުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިއީ ގައިދީން އިސްލާހީ މަސައްކަތްތަކަށް ބާރުއެޅުމުގެ ގޮތުން ގެންނަ މުހިންމު ބަދަލެކެވެ.

މީގެ އިތުރުން، ޖަލުން ނިކުންނަ ކޮންމެ މީހަކީ މުޖުތަމައަށް ބޭނުންތެރި، އަމިއްލަ ފައިމައްޗަށް ތެދުވެ އާމްދަނީ ހޯދައިގެން އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ މީހަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޖަލުން ނިކުންނަ އިރު އެމީހަކީ އާއިލާއާއި މުޖުތަމައުން ބަލައިގަންނަ، އަދި ދެވަނަ ފަހަރަށް ކުށުގެ ވެއްޓަށް ނުދާނެ ފަދަ އަޒުމެއްގައި ހުރި މީހަކަށް ވުމަށް ވަޒީރު އިލްތިމާސް ކުރެއްވިއެވެ.

"ވަން ޕްރިޒަން ކޮންސެޕްޓް" ގެ ދަށުން ސަރުކާރުން ނިންމާފައިވަނީ އުތުރު ތިލަފަޅުގައި ހުރިހާ ހިދުމަތްތަކެއް ހިމެނޭ ސެންޓްރަލް ޖަލެއް ތަރައްގީކުރުމަށެވެ. މިއީ މީހުން ދިރިއުޅޭ ރަށްރަށާއި ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަ ސަރަހައްދުތަކުގައި ޖަލުތައް ހުރުމުގެ ސަބަބުން އާންމުންނަށް ކުރިމަތިވާ ކަންބޮޑުވުންތަކަށް ލިބޭނެ ދާއިމީ ހައްލެއް ކަމަށް ސަރުކާރުން ބުނެއެވެ.

މި މަޝްރޫއުގެ ސަބަބުން ޖަލުތަކުގެ އިންފްރާސްޓްރަކްޗާ ރަނގަޅުވެ، ގައިދީންނަށް ބޭނުންވާ ތައުލީމާއި ތަމްރީނު ފޯރުކޮށްދިނުމަށް އިތުރު ފުރުސަތުތައް ހުޅުވިގެންދާނެއެވެ. ސަރުކާރުގެ އަމާޒަކީ ޖަލުތަކަކީ ހަމައެކަނި އަދަބުދޭ ތަނަކަށް ހެދުމުގެ ބަދަލުގައި، އެއީ މީހުން އިސްލާހުކޮށް މުޖުތަމައަށް ނެރެދޭ މަރުކަޒުތަކަކަށް ހެދުމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ