އުތުރު އެމެރިކާގެ ތިން ގައުމު ކަމަށްވާ އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި، އީރާނުގެ ގައުމީ ޓީމާ މެދު ފީފާ އާއި އެމެރިކާ ސަރުކާރުން އަމަލުކުރަމުންދާ ގޮތާ މެދު އެ ޓީމުގެ ކޯޗު އާމިރު ގަލެނޮއީ އާއި ކެޕްޓަން މެހްދީ ތަރޭމީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފިއެވެ.
މި ނުރުހުން ފާޅުކޮށްފައި ވަނީ މިއަދު ހެނދުނު އެމެރިކާގެ ލޮސް އެންޖެލެސްގައި ނިއުޒީލެންޑާ ދެކޮޅަށް ކުޅުނު މެޗަށްފަހުގައެވެ.
އިމިގްރޭޝަންގެ ބޮޑެތި ހުރަސްތަކާއި ސިޔާސީ ފިއްތުންތަކާ ހުރެ އީރާނު ޓީމުން މުބާރާތަށް ތައްޔާރުވާން ޖެހުނީ ގިނަ ގޮންޖެހުންތަކަކާއެކުގައެވެ. އެމެރިކާގެ އަރިޒޯނާގައި ކޭމްޕް ކުރަން ރޭވި ނަމަވެސް، ވިސާގެ މައްސަލަތަކާ ހުރެ ފަހު ވަގުތު ކޭމްޕް ބަދަލުކުރަން ޖެހުނީ މެކްސިކޯގެ ބޯޑަރު ސިޓީއެއް ކަމަށްވާ ޓިޖުއާނާއަށެވެ.
ހުރިހާ ދަތިތަކާއެކު ވެސް އީރާނުން ވަނީ ދަނޑުމަތީގައި މޮޅު ކުޅުމެއް ދައްކައި ނިއުޒީލެންޑާ 2-2 އިން މެޗު އެއްވަރުކޮށްފައެވެ. މެޗު ނިމުމާއެކު، ކުޅުންތެރިންގެ ފިޒިކަލް ރިކަވަރީއަށް އަރާމުކޮށްލާނެ ވަގުތެއްވެސް ނުދީ، ވަގުތުން އެމެރިކާ ދޫކޮށް މެކްސިކޯއަށް އެނބުރި ދިއުމަށް އެމެރިކާގެ އިދާރާތަކުން މަޖުބޫރުކުރިއެވެ. ކޯޗު ގަލެނޮއީ ވަނީ މިއީ ކުޅުންތެރިންނަށް ދެވޭ ބޮޑު "އަނިޔާއެއް" ކަމަށް ސިފަކޮށްފައެވެ.
ޓީމުގެ ކެޕްޓަން މެހްދީ ތަރޭމީ ފާހަގަކުރި ގޮތުގައި، ޓިޖުއާނާއިން ލޮސް އެންޖެލެސްއަށް ކުރި ކުރު ދަތުރުގައިވެސް އިމިގްރޭޝަންގެ ހަރުކަށި ޗެކްތަކާ ހުރެ 5 ގަޑިއިރު ބޭކާރުވިއެވެ.
މި ހުރިހާ ހުރަސްތަކެއްގެ ތެރެއިން އީރާނުން ދެއްކި ހިތްވަރަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ ތައުރީފު ކުރައްވާފައެވެ. މެޗަށްފަހު ޑްރެސިން ރޫމަށް ޒިޔާރަތް ކުރައްވައި، ޓީމުގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު އިންފަންޓީނޯ ވިދާޅުވީ، އީރާނުން މުޅި ދުނިޔެއަށް ވަރުގަދަ މެސެޖެއް ދީފި ކަމަށާއި، ކުރިމަތިވަމުންދާ ހުރަސްތަކަށްވުރެ އެ ޓީމުގެ އަޒުމް މާ ވަރުގަދަ ކަމަށެވެ.
މީގެ އިތުރުން، އީރާނުގެ ކޯޗު ވަނީ މެކްސިކޯ ސަރުކާރާއި އެ ގައުމުގެ ރައްޔިތުން ބަހައްޓާ ގާތްކަމަށާއި ދޭ އެހީތެރިކަމަށް ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ. އީރާނުން ވޯލްޑް ކަޕްގެ ކުރިއަށް ހުރި މެޗުތަކަށް ތައްޔާރުވާނީ މި ހުރިހާ ސިޔާސީ އަދި އިދާރީ ހުރަސްތަކާ ހިތްވަރާއެކު ކުރިމަތިލަމުން، މެކްސިކޯގައި ތިބެގެންނެވެ.