ގޭންގް ކުށް ހުއްޓުވާ ފުލުހުންގެ ޑިޕާޓްމެންޓުން، މާލޭގެ ބައެއް ސަރަހައްދުތަކުން ގްރެފިޓީ ފޮހެލައިފި

mvcvvvv

މާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފަށް ހުރި ގްރެފިޓީތައް ނައްތާލުމުގެ މަސައްކަތް ފުލުހުންގެ ގޭންގު ކުރައިމް ސަޕްރެޝަންއާއި، މާލެ ސިޓީ ކައުންސިލު ގުޅިގެން ކުރިއަށް ގެންގޮސްފިއެވެ.

މާލޭގެ ހަނި ގޯޅިތަކުގައާއި ގޭންގުތައް އެއްވެ އުޅޭ ހިސާބުތަކުގައި، ސަރަހައްދީ ބާރުވެރިކަން ދެއްކުމަށާއި ބޭއަދަބީ ބަސްބަސް ހިމެނޭހެން ކުރަހާފައި ހުންނަ ގްރެފިޓީތަކަކީ މާލޭގެ އަމާންކަމާއި ރީތިކަން ގެއްލޭ ބޮޑު މައްސަލައެކެވެ. ފުލުހުން ބުނީ، މާލެ ސިޓީގެ މާހައުލު ރީތިކޮށް ބޭއްވުމަށާއި، އިޖުތިމާއީ މިންގަނޑުތައް ހިފެހެއްޓުމަށްޓަކައި މިފަދަ ނޭދެވޭ ކުރެހުންތައް ނައްތާލުމުގެ މަސައްކަތް މިހާރު ވަނީ ވަރަށް ބޮޑަށް ފުޅާކޮށްފައެވެ.

އިއްޔެ ކުރިއަށް ގެންދިޔަ ޚާއްސަ ހަރަކާތުގެ ތެރެއިން މާލޭގެ އެކި މަގުތަކާއި ފާރުތަކުގެ އިތުރުން، ގައުމީ ބޮޑު ބިނާއެއް ކަމަށްވާ ސިނަމާލެ ބުރިޖުގައި ހުރި ބޭއަދަބީ ކުރެހުންތަކާއި ލިޔުންތައް ވެސް ވަނީ ފޮހެ، ކުލަލައި ނައްތާލާފައެވެ. މިއީ އެއްފަހަރުން ނިންމާލާނެ މަސައްކަތެއް ނޫނެވެ. މާލެ ސިޓީގެ އިތުރު ސަރަހައްދުތަކުގައި ހުރި މިފަދަ ގްރެފިޓީތައް ހޯދައި، އެތަންތަން ސާފުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ތަނުގައިވެސް ސިޓީ ކައުންސިލާ ގުޅިގެން ފުލުހުން ސިލްސިލާކޮށް ކުރިއަށް ގެންދާނެއެވެ.

މާލޭގެ އިޖްތިމާއީ މިންގަނޑުތައް ހިފެހެއްޓުމަށްޓަކައި މާލޭ ސިޓީ ކައުންސިލާއި ފުލުހުން ގުޅިގެން މި ރަސްމީ ކެމްޕެއިން ފުރަތަމަ ފަށާފައިވަނީ 17 ޖުލައި 2024 ގައެވެ.

މި ފޯކަސްޑް ކެމްޕޭން ރަސްމީކޮށް ފެށުމުގެ ކުރިން، 2023 ވަނަ އަހަރުގެ ތެރޭގައިވެސް ފުލުހުން ވަނީ މިފަދަ ގްރެފިޓީތައް ފޮހުމުގެ ހަރަކާތްތަކެއް ބާއްވާފައެވެ.

މި ކެމްޕޭނުގެ މައިގަނޑު ބޭނުމަކީ ކުށްކުރާ ގޭންގުތަކުން މާލޭގެ މަގުތަކުގެ ފާރުތަކުގައި ޖަހަމުންދާ ނޭދެވޭ މާކްތައް ފޮހެލައި، އާންމު ރައްޔިތުންނަށް ހިތްފަސޭހަ އަދި ސަލާމަތްތެރި މާހައުލެއް ބިނާކޮށްދިނުމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ