މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް އައިގެ ފުރަތަމަ މެޗުގައި ސެނެގޯލްގެ މައްޗަށް 3-1 ގެ ނަތީޖާއަކުން ފްރާންސް ކުރިހޯދައިފިއެވެ.
ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ ވަނީ ދެ ލަނޑު ޖަހައި، އެ ގައުމުގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިނުމުގެ ރިކޯޑު އާކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ސެނެގޯލުން ވަނީ ފްރާންސްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް މެޗުގެ ކޮންޓްރޯލް ބޮޑަށް އޮތީ ފްރާންސް އަތުގައެވެ. ފުރަތަމަ ހާފުގައި އެމްބާޕޭއަށާއި އުސްމާން ޑެމްބެލޭއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވިއެވެ. މީގެ އިތުރުން ސެނެގޯލްގެ އޭރިއާ ތެރެއިން ސަޑިއޯ މާނޭ އެމްބާޕޭއަށް ފައުލްކުރި ކަމަށް ބުނެ ފްރާންސުން ޕެނަލްޓީއަކަށް އެޕީލްކުރި ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރު) ބެލުމަށްފަހު އޮސްޓްރޭލިއާގެ ރެފްރީ އަލީ ރެޒާ ފަގާނީ ނިންމީ އެއީ ޕެނަލްޓީއެއް ނޫން ކަމަށެވެ.
ފްރާންސުން މެޗުގެ ލީޑު ނެގީ 66 ވަނަ މިނެޓުގައި މައިކަލް އޮލީސޭ ތަނަވަސްކޮށްދިން ފުރުސަތަކުން އެމްބާޕޭ ކާމިޔާބުކުރި ލަނޑުންނެވެ. އޭގެ ކުޑަވަގުތުކޮޅެއް ފަހުން ސެނެގޯލްގެ އިސްމާއީލާ ސާ ލަނޑެއް ޖެހި ނަމަވެސް، ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ. ފްރާންސްގެ ދެވަނަ ލަނޑު މެޗު ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށް ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ބްރެޑްލީ ބާކޮލާއެވެ. އޭނާ މި ލަނޑު ޖެހީ އެޑްރިއަން ރަބިއޯ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ސެނެގޯލްގެ އިބްރާހިމް އެމްބާއޭ ލަނޑެއް ޖަހައި އުއްމީދު އާކޮށްދިން ނަމަވެސް، އޭގެ ކުޑައިރުކޮޅެއް ފަހުން އެމްބާޕޭ ވަނީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން އޭނާގެ ދެވަނަ ލަނޑު ޖަހައި ފްރާންސަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ. މި ލަނޑާއެކު އެމްބާޕޭ ވަނީ ފްރާންސްގެ ކުރީގެ ފޯވާޑް އޮލިވިއޭ ޖިރޫ ހަދާފައިވާ 57 ލަނޑުގެ ރިކޯޑު މުގުރާލާފައެވެ. ޖިރޫ މި ރިކޯޑު ހެދީ 137 މެޗުން ކަމަށްވާއިރު، އެމްބާޕޭ މި ރިކޯޑު އާކުރީ އެންމެ 84 މެޗުންނެވެ.