ޕީސީބީގެ ރައީސްކަމަށް ނިޒާރު އައްޔަންކުރުމުގެ މައްސަލަ އެސްއޯއީ ކޮމިޓީއަށް

މުހައްމަދު ނިޒާރު. ފޮޓޯ: ޕީސީބީ
މުހައްމަދު ނިޒާރު. ފޮޓޯ: ޕީސީބީ

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސްގެ މަގާމަށް މުހައްމަދު ނިޒާރު އައްޔަންކުރެއްވުމަށް ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

މިއަދު ބޭއްވުނު މިއަހަރުގެ ދެވަނަ ދައުރުގެ ތިންވަނަ ޖަލްސާގައި، ޕީސީބީގެ ރައީސްކަމަށް ނިޒާރު އައްޔަންކުރުމުގެ މައްސަލަ ދިރާސާކުރުމަށް ފޮނުވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީއަށެވެ. ޕީސީބީގެ ރައީސްގެ މަގާމަށް ނިޒާރު އައްޔަންކުރައްވާފައިވަނީ ކުރިން އެ މަގާމުގައި ހުންނެވި ގއ. ދެއްވަދޫ ދޭލިޔާގެ، މުހައްމަދު އަނަސް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މުހައްމަދު ނިޒާރަކީ މީގެ ކުރިން ވެސް 2014 އިން 2019 އަށް ޕީސީބީގެ ރައީސްކަމުގެ މަގާމu ފުރުއްވާފައިވާ ބޭފުޅެކެވެ. އެ މުއްދަތުގައި ސަރުކާރުގެ ޕްރައިވެޓައިޒޭޝަން އަދި ކޯޕަރަޓައިޒޭޝަން އެޖެންޑާ ކުރިއެރުވުމުގައާއި، ދައުލަތުގެ ކުންފުނިތައް ހިންގުމުގެ ނިޒާމުތައް ހަރުދަނާކުރުމުގައި އޭނާ މުހިންމު ދައުރެއް އަދާކުރެއްވިއެވެ. މީގެ އިތުރުން، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގައި 20 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވައި، އެ ކުންފުނީގެ އިމްޕޯޓް، އެޑްމިނިސްޓްރޭޝަން، އައިޓީ އަދި ސޭލްސް ފަދަ މުހިންމު ދާއިރާތަކުގެ ޖެނެރަލް މެނޭޖަރުކަމާއި ޑެޕިއުޓީ ޑިރެކްޓަރުކަން ފަދަ އިސް މަގާމުތައް ފުރުއްވާފައިވެއެވެ. އެސްޓީއޯގައި އުޅުއްވި މުއްދަތުގައި އީއާރްޕީ ނިޒާމު ގާއިމުކުރުމާއި، ސަޕްލައި ޗެއިން ހަރުދަނާކުރުމުގެ މަސައްކަތްތަކުގައި އޭނާ އިސް ދައުރެއް އަދާކުރެއްވިއެވެ.

ބައިނަލްއަގުވާމީ ވިޔަފާރި، ކޯޕަރޭޓް މެނޭޖްމަންޓް އަދި ދައުލަތުގެ އިދާރާތައް ހިންގުމުގެ ދާއިރާއިން 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ނިޒާރަކީ ޔުނިވަރސިޓީ އޮފް ސައުތު އޮސްޓްރޭލިއާއިން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ މޯލްޑިވްސް ގޭސް އަދި މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސް ފަދަ ކުންފުނިތަކުގެ ބޯޑު މެންބަރުކަން ކުރެއްވުމުގެ އިތުރުން، ރިސްކް މެނޭޖްމަންޓާއި ކޯޕަރޭޓް ގަވަރނަންސްއާ ގުޅޭ ގައުމީ ފެންވަރުގެ އެކި ކޮމިޓީތަކުގައި ވެސް އަމަލީގޮތުން މަސައްކަތް ކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ