ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން، ދިވެހި ސަރުކާރުން ސަބްސިޑީގެ ގޮތުގައި ކުރަންޖެހޭ ހޭދަ ބޮޑުތަނުން އިތުރުވެފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އާންމުކޮށްފައިވާ ހަފުތާގެ މާލީ ރިޕޯޓުތަކަށް ބަލާއިރު، މި ހިނގާ ޖޫން މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ސަބްސިޑީއަށް އެކަނިވެސް 2.3 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ބޮޑު އިތުރުވުމެކެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2025 ވަނަ އަހަރުގެ ޖޫން މަހުގެ ކުރީކޮޅާ ހަމައަށް ސަބްސިޑީއަށް ހޭދަވެފައިވަނީ 1.36 ބިލިއަން ރުފިޔާއެވެ. އެހެންކަމުން، މިއަހަރުގެ މި މުއްދަތުގައި ސަބްސިޑީއަށް ކުރި ހޭދަ ވަނީ 938.3 މިލިއަން ރުފިޔާ ނުވަތަ 68.9 އިންސައްތަ އިތުރުވެފައެވެ. މި ބަދަލަކީ މައިގަނޑު ގޮތެއްގައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ދައުލަތުން އުފުލަންޖެހުނު އިތުރު މާލީ ބުރައެކެވެ.
މިއަހަރަށް ލަފާކޮށް ފާސްކޮށްފައިވާ ބަޖެޓުގައި ސަބްސިޑީގެ ގޮތުގައި ކަނޑައަޅާފައިވަނީ ޖުމްލަ 2.89 ބިލިއަން ރުފިޔާއެވެ. ނަމަވެސް، އަހަރުގެ މެދުތެރެއަށް އައިއިރު މި ބަޖެޓުގެ 79.6 އިންސައްތަ މިހާރު ވަނީ ބޭނުންކޮށް ނިމިފައެވެ. ސަރުކާރުން މިގޮތަށް ސަބްސިޑީ ދެމުންދަނީ ތެލުގެ އަގު އުފުލުމުގެ ސަބަބުން ކަރަންޓުގެ ޚިދުމަތާއި، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ އިތުރުން ޒަރޫރީ މުދަލުގެ އަގުތަކަށް އަތުވެދާނެ ނޭދެވޭ އަސަރުތަކުން ރައްޔިތުން ސަލާމަތްކުރުމަށެވެ.
ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ގައުމަކަށް ވުމުން، ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގަށް އަންނަ ކޮންމެ ބަދަލެއްގެ އަސަރު ރާއްޖޭގެ އިގްތިސާދަށް ސީދާ ގޮތެއްގައި ކުރެއެވެ. މި އަސަރުތައް ކުޑަކުރުމަށްޓަކައި ސަރުކާރުން ވަނީ އިތުރުވި ޚަރަދުގެ ބޮޑު ބައެއް އަމިއްލައަށް އުފުލާފައެވެ. މީގެ އިތުރުން، ދައުލަތުގެ ރިކަރަންޓް އެކްސްޕެންޑިޗަރ ނުވަތަ ހިނގަމުންދާ ޚަރަދުތައްވެސް މިދިޔަ އަހަރާ އަޅާބަލާއިރު 16.6 އިންސައްތަ ވަނީ އިތުރުވެފައެވެ. 2025 ވަނަ އަހަރު 14.47 ބިލިއަން ރުފިޔާ ހޭދަވި އިރު، މިއަހަރުގެ މި މުއްދަތުގައި އެ އަދަދު ވަނީ 16.87 ބިލިއަން ރުފިޔާއަށް އުފުލިފައެވެ.
ޖުމްލަ ގޮތެއްގައި އެހީއާއި، އެކި ފަރާތްތަކަށް ދޭ ކޮންޓްރިބިއުޝަން އަދި ސަބްސިޑީއަށް ކުރި ހޭދަ މިހާރު ވަނީ 5.69 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ހުރި 4.07 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 39.8 އިންސައްތައިގެ އިތުރުވުމެކެވެ. ސަރުކާރުގެ އަމާޒަކީ މިފަދަ ސަބްސިޑީތަކުގެ އެހީގައި މުދަލާއި ޚިދުމަތުގެ އަގުތައް އެއްވަރެއްގައި ހިފަހައްޓައި، ރައްޔިތުންނަށް ދޭ ޒަރޫރީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމެވެ.