ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި ބަނދަރުތައް ބޭނުންކުރުމުގައި މަސްވެރިންނަށް ކުރިމަތިވަމުންދާ ދަތިތަކަށް ހައްލެއް ހޯދުމާ ގުޅޭގޮތުން، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ދެމެދު މިއަދު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
ޖޫން 16 ވަނަ ދުވަހު ފިޝަރީޒް މިނިސްޓްރީގައި ބޭއްވުނު މި ބައްދަލުވުމުގައި، އެ ވުޒާރާގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގަތީ ވަޒީރު އަހުމަދު ޝިޔާމެވެ. އަދި އެމްޕީއެލްގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެ ކުންފުނީގެ ސީއީއޯ ކެޕްޓަން ހުސައިން ޝަފީގެވެ. މި ބައްދަލުވުމަކީ މަސްވެރިންނަށް ބަނދަރުތަކުން ލިބޭ ހިދުމަތްތައް ހަރުދަނާކޮށް، ދިމާވާ ދަތިތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި، ބަނދަރުތައް ބޭނުންކުރުމުގައި މަސްވެރި އުޅަނދުފަހަރަށް ދިމާވާ އެކި ކަހަލަ ދަތިތަކާ ގުޅޭގޮތުން ދެ ފަރާތުގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. މިގޮތުން، މަސްވެރިންނަށް ބަނދަރުތަކުން ލުއިފަސޭހަކަމާއެކު ހިދުމަތް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި އެމްޕީއެލްގެ ފަރާތުން ވެދެވެން އޮތް ހުރިހާ އެހީތެރިކަމަކާއި އެއްބާރުލުމެއް ފުރިހަމައަށް ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެ ކުންފުނީގެ ސީއީއޯ ކެޕްޓަން ހުސައިން ޝަފީގު އެރުއްވިއެވެ.
މީގެ އިތުރުން، އައްޑޫ ސިޓީގައި ގާއިމުކުރުމަށް ސަރުކާރުން ނިންމާފައިވާ "ފިޝަރީޒް އެންޑް މެރިޓައިމް ހަބް" އާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ދެ ފަރާތުން މަޝްވަރާކުރެއްވިއެވެ. މި ހަބަކީ ދެކުނުގެ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، މަސްވެރިންނަށް ބޭނުންވާ ވަސީލަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ތަރައްގީކުރަން ނިންމާފައިވާ މުހިންމު މަޝްރޫއެކެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމުގައި އެމްޕީއެލްގެ ދައުރާއި، އެ ކުންފުނިން ފޯރުކޮށްދެވޭނެ އެހީތެރިކަމާ ގުޅޭގޮތުންވެސް ބައްދަލުވުމުގައި ހިޔާލު ބަދަލުކުރެވުނެވެ.
މަސްވެރިންނަށް ލުއިފަސޭހަ އިންތިޒާމުތައް ހަމަޖައްސައިދީ، މަސްވެރިކަމުގެ ސިނާއަތް ހަރުދަނާކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ބަނދަރުތަކުގެ ހިދުމަތްތައް ތަރައްގީކުރުމާއި، މަސްވެރިންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމާފައެވެ.