ލޭ އެޅުމުގެ ކުރިން، ހަދިޔާ ކުރާ ލޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކާ، ލޭގެ ޒަރީއާއިން ޖެހޭ ބަލިތައް ޓެސްޓްކުރުމަށް ބޭނުން ކުރާ، "ނިއުސެލިކް އެސިޑް ޓެސްޓް" ނުވަތަ ގޯލްޑެން ސްޓޭންޑަރޑްގެ ޓެސްޓުގެ ޚިދުމަތް އަންނަ ޖުލައި މަހު ފެށޭނެ ކަމަށް މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން ބުނެފިއެވެ.
ރާއްޖޭގައި ލޭ އަޅަންޖެހޭ ބަލިތަކަށް ފަރުވާ ހޯދާ މީހުންނާއި، ޚާއްސަކޮށް ތެލެސީމިއާ ކުދިންނަށް ދެވޭ ލޭގެ ރައްކާތެރިކަން ބައިނަލްއަގުވާމީ އެންމެ މަތީ މިންގަނޑަށް ފެއްތުމަށްޓަކައި ސަރުކާރުން ދަނީ ސިއްހީ ދާއިރާއަށް ޒަމާނީ ބަދަލުތަކެއް ގެންނަމުންނެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، އެ ސަރވިސަސްގެ ސީނިއާ ސްޕެޝަލިސްޓް ރެޖިސްޓްރާ އެންޑް ޕީޑިއެޓްރިކް ޑރ. އަހުމަދު އުމަރު ވިދާޅުވީ، ލޭ ދޭ މީހާއާއި ލޭ ބޭނުންވާ މީހާގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެ އިދާރާގެ އެންމެ ބޮޑު އަމާޒު ކަމަށެވެ. އެގޮތުން ލޭ ހަދިޔާކުރާ މީހުންގެ މަރުހަލާތައް ފުރިހަމަކުރުމުގައި މިހާރުވެސް ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާގެ މިންގަނޑުތަކާ އެއްގޮތަށް ޓެސްޓްތައް ހަދާ ކަމަށް ވިދާޅުވިއެވެ.
ހަމައެއާއެކު ކުރިން ބޭނުންކުރި މެތަޑްތަކަށްވުރެ ބޮޑަށް ބަލިތައް ދެނެގަނެވޭ "ނިއުސެލިކް އެސިޑް ޓެސްޓް" ހެދުމަށް ބޭނުންވާ ޚާއްސަ މެޝިން އިންސްޓޯލްކޮށް، ކުރިއަށް އޮތް 2 ހަފްތާގެ ތެރޭގައި އަމަލީ ގޮތުން ޚިދުމަތް ފެށޭނެ ކަމަށް ޑރ. އުމަރު ވިދާޅުވިއެވެ.
"ވަކި ބަލިތަކަކަށް ޓެސްޓުކޮށްގެން ނޫނީ ލޭ ނާޅާނެ މިހާރު ވެސް. މި ޓެސްޓްތައް ހެދުމަށް މިހާރު ބޭނުން ކުރާ މެތަޑަށް ވުރެ ރަނގަޅު މެތަޑެއް ބޭނުން ކުރުމަށް މަސައްކަތް މި ކުރަނީ،" ޑރ. އުމަރު ވިދާޅުވިއެވެ.
މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން ފާހަގަކުރި ގޮތުގައި، ރާއްޖޭގައި އިންސާނީ އެހީތެރިކަމުގެ މި މުހިންމު ހަރަކާތަށް އާންމުން ހޭލުންތެރިވާ މިންވަރު ދަނީ އިތުރުވަމުންނެވެ. ޚާއްސަކޮށް، 18 އަހަރު ފުރޭ ޒުވާނުން އިސްނަގައިގެން ލޭ ހަދިޔާކުރާ މިންވަރު ކުރިއަށްވުރެ ގިނަވެފައިވާކަން އެ އިދާރާއިން ފާހަގަކުރެއެވެ.