އައްޑޫ ގަން އެއާޕޯޓުގައި ބިނާކުރާ މިސްކިތް ކޮމްޕްލެކްސްގެ ބިންގާ އަޅައިފި

ގަން މިސްކިތް ކޮމްޕްލެކްސްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން
ގަން މިސްކިތް ކޮމްޕްލެކްސްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން

އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި އަޅާ "ގަން މަސްޖިދު ކޮމްޕްލެކްސް" ގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މި މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، ނިޝާން މުލީގެ ޝަރަފުގެ އިއްޒަތުގެ ވެރިޔާ މުހައްމަދު ސާލިހެވެ.

އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވި ގޮތުގައި، މި މިސްކިތަކީ ދަމާސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ޗެއާމަން މުހައްމަދު ސާލިހުގެ ދީލަތި އެހީތެރިކަމާއެކު ބިނާކުރާ ތަނެކެވެ. ދެ ފަންގިފިލާއަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ މި މިސްކިތަކީ އެއްފަހަރާ 800 މީހުންނަށް ނަމާދު ކުރެވޭނެ ޖާގަ ހިމެނޭހެން ފަރުމާކޮށްފައިވާ ތަނެކެވެ. މީގެ އިތުރުން، މި ކޮމްޕްލެކްސްގައި ދީނީ އެކި ހަރަކާތްތައް ހިންގުމަށް ހާއްސަ މަލްޓިޕާޕަސް ހޯލަކާއި، ފޮތް ކިޔުމާއި ދިރާސާކުރުމަށް ހާއްސަ ލައިބްރަރީއެއް ވެސް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މިސްކިތުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވުޒާރާގެ އިސްވެރިންނާއި، އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުންގެ އިތުރުން މުހައްމަދު ސާލިހާއި އެމަނިކުފާނުގެ އާއިލާގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މި މިސްކިތް ބިނާކުރުމަށް ހަމަޖެހިފައިވަނީ މުހައްމަދު ސާލިހުގެ އަމިއްލަ ގޯތީގައެވެ.

މުހައްމަދު ސާލިހުގެ އެހީތެރިކަމާއެކު ގަން އެއާޕޯޓުގައި މިސްކިތް ކޮމްޕްލެކްސްއެއް ބިނާކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވާއިރު، މީގެ ކުރިން އެމަނިކުފާނުގެ ދީލަތި އެހީގައި އައްޑޫ ސިޓީ ހުޅުދޫގައި ވެސް ވަނީ މިސްކިތެއް ބިނާކޮށްދެއްވާފައެވެ. މި މަޝްރޫއުގެ ސަބަބުން ގަން އެއާޕޯޓަށް ޒިޔާރަތްކުރާ ފަރާތްތަކަށާއި އެ ސަރަހައްދުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ނަމާދުކުރުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ