ވޯލްޑް ކަޕް 2026: ކްރޮއޭޝިއާގެ މައްޗަށް ކުރިހޯދައި އިންގްލެންޑުން ފެށުން ރަނގަޅުކޮށްފި

ވޯލްޑް ކަޕުގައި ކްރޮއޭޝިއާ ކޮޅަށް ލަނޑު ޖެހުމަށްފަހު ކޭން އުފާފާޅުކުރަނީ
ވޯލްޑް ކަޕުގައި އިންގްލެންޑާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗުގެ ތެރެއިން

އެމެރިކާގެ ޑަލަސް ސްޓޭޑިއަމުގައި ކުޅުނު ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް އެލްގެ ފުރަތަމަ މެޗުގައި ކްރޮއޭޝިއާގެ މައްޗަށް 4-2 ގެ ނަތީޖާއަކުން ކުރިހޯދައި، ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އިންގްލެންޑުން މުބާރާތުގެ ފެށުން ފުރިހަމަކޮށްފިއެވެ.

މި މެޗުގެ ވަރަށް ކުރީކޮޅު އިންގްލެންޑުން ވަނީ ލީޑު ނަގައި މެޗުގެ ކޮންޓްރޯލް ހޯދާފައެވެ. މެޗުގެ 12 ވަނަ މިނެޓުގައި އިންގްލެންޑަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމުގެ ކެޕްޓަން ހެރީ ކޭން ވަނީ ލަނޑެއް ޖަހައިދީފައެވެ. މިއީ އޭރިއާ ތެރެއިން ނޯނީ މަޑުއޭކޭއަށް ކްރޮއޭޝިއާގެ ކެޕްޓަން ލޫކާ މޮޑްރިޗް ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީއެކެވެ. ކޭން ފުރަތަމަ ފޮނުވާލި ޕެނަލްޓީ ކްރޮއޭޝިއާގެ ކީޕަރު ޑޮމިނިކް ލިވާކޮވިޗް މަތަކުރި ނަމަވެސް، އޭނާ ރޮނގުން ކުރިއަށް ޖެހިފައި ހުރުމުން އަލުން ޖަހަން ދިން ފުރުސަތުގައި ކޭން ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައެވެ.

ކްރޮއޭޝިއާއިން މެޗުގެ ނަތީޖާ އެއްވަރުކުރީ 36 ވަނަ މިނެޓުގައެވެ. ޕީޓަ ސުޗިޗް ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މާޓިން ބަޓުރީނާއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް، ޑެކްލަން ރައިސް ނަގައިދިން ކޯނަރަކުން ކޭން ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި އިންގްލެންޑަށް އަލުން ލީޑު ހޯދައިދީފައެވެ. މިއީ ވޯލްޑް ކަޕް މުބާރާތްތަކުގައި ކޭން ކާމިޔާބުކުރި 10 ވަނަ ލަނޑެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކްރޮއޭޝިއާގެ ޕީޓާ މޫސާ ލަނޑެއް ޖަހައި ނަތީޖާ އަނެއްކާވެސް އެއްވަރުކުރި ނަމަވެސް، ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި ޖޫޑް ބެލިންހަމް ވަނީ އިންގްލެންޑަށް ތިންވަނަ ފަހަރަށް ލީޑު ނަގައިދީފައެވެ. އަދި މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މާކަސް ރަޝްފޯޑް ވަނީ އިންގްލެންޑުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ ކަށަވަރުކޮށްދީފައެވެ.

މި މޮޅާއެކު އިންގްލެންޑުން ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ސެމީ ފައިނަލުގައި ކްރޮއޭޝިއާ އަތުން ވީ ބައްޔަށް ބަދަލު ހިފާފައެވެ. އެ ފަހަރު ކްރޮއޭޝިއާ މޮޅުވީ އިތުރު ވަގުތުގައި ޖެހި ލަނޑުން 2-1 ގެ ނަތީޖާއަކުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ