ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ (ސަންޕާ) އަށް ވަންނަ ހުރިހާ އުޅަނދުތަކެއް އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީގައި ރަޖިސްޓްރީކުރަންޖެހޭ ގޮތަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ކަނޑައަޅައިފިއެވެ.
މިއީ އެ ސަރަޙައްދުގެ ތިމާވެށި ހިމާޔަތްކުރުމަށްޓަކައި އެކުލަވާލާފައިވާ މެނޭޖްމަންޓް ޕްލޭންގެ ދަށުން ތަންފީޒުކުރާ މުހިންމު ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެކެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، 2025 ވަނަ އަހަރު އެކުލަވާލި މެނޭޖްމަންޓް ޕްލޭނަކީ ސަންޕާ ސަރަޙައްދު ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މި ޕްލޭންގެ މައިގަނޑު މަޤްޞަދަކީ އެ ސަރަޙައްދަށް ވަންނަ އުޅަނދުތަކާއި މީހުންގެ އަދަދު ކޮންޓްރޯލްކުރުމެވެ. މިހާރު ކުރިއަށްދަނީ މި ޕްލޭނާ ގުޅޭ ގަވާއިދުތަކަށް އާންމުން ހޭލުންތެރިކުރުވުމުގެ މަސައްކަތްތަކެވެ. އެ ވުޒާރާގެ ޑިރެކްޓަރ އޮފް ޕްރޮޓެކްޓެޑް އޭރިއާސް، މުހްސިނާ ޢަބްދުއްރަޙްމާން ވިދާޅުވި ގޮތުގައި، ކުރިން އެ ސަރަޙައްދުގައި ހަރަކާތްތެރިވި ބައެއް އުޅަނދުތަކަކީ ޓްރާންސްޕޯޓް ގަވާއިދުތަކާ ޚިލާފަށް އަދި ލައިސަންސް ނެތް ފަރާތްތަކުން ދުއްވާ އުޅަނދުތަކެވެ. މި އައު އުސޫލުތަކާއެކު، މި މައްސަލަތައް ހައްލުވެގެންދާނެ ކަމަށް ވުޒާރާއިން އުންމީދު ކުރެއެވެ.
މެނޭޖްމަންޓް ޕްލޭންގެ ދަށުން އުޅަނދުތަކުގެ ބުރަފަތީގައި ޕްރޮޕެލާ ގާޑް ހަރުކުރުން މި މަހުގެ 30 އިން ފެށިގެން ވަނީ މަޖުބޫރުކޮށްފައެވެ. އޭގެ އިތުރުން، އެ ސަރަޙައްދަށް ގެސްޓުން ގޮވައިގެންދާ ގައިޑުން ޚާއްޞަ ޓެސްޓަކުން ފާސްވާންޖެހޭއިރު، ގައިޑެއްގެ ގޮތުގައި މަސައްކަތް ކުރެވޭނީ %75 އަށްވުރެ މަތިން މާކްސް ލިބުމުންނެވެ. ގައިޑުންނަކީ ރެސްކިއު ޑައިވަރުންނަށް ވުމުގެ އިތުރުން، އިމަޖެންސީ ފަސްޓް ރެސްޕޮންސް ސެޓިފައިޑް ބަޔަކަށް ވާންޖެހެއެވެ. އުޅަނދު ދުއްވޭނެ އެންމެ ބާރުމިނަކީ 10 ނޮޓްސް ކަމަށާއި، 10 ފޫޓަށްވުރެ ކުދި އުޅަނދުތައް އެ ސަރަޙައްދަށް ވަނުން މަނާކޮށްފައިވެއެވެ. ފެހުރިހި ބެލުމަށް ގައިޑަކަށް އެއްފަހަރާ ގެންދެވޭނީ ގިނަވެގެން 6 މީހުންނެވެ.
ސަންޕާ ސަރަޙައްދު ބެލެހެއްޓުމުގައި ދިމާވާ ގޮންޖެހުންތަކާ ބެހޭގޮތުން ވާހަކަދައްކަވަމުން، ވުޒާރާގެ ޑިރެކްޓަރ ސާވޭ އެންޑް ރިސާޗް، އަޙްމަދު ޝާން ވިދާޅުވީ 42 ކިލޯމީޓަރުގެ މި ސަރަޙައްދުގައި މިހާރު ރޭންޖަރުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. މީގެ ކުރިން ފެހުރިހި ބަލަން ފައިބާ މީހުން ގިނަވެ، އެ ސަރަޙައްދު ތޮއްޖެހުމުގެ މައްސަލަ ދިމާވި ނަމަވެސް، މި ޕްލޭނާއެކު ހެޔޮ ބަދަލުތަކެއް އަންނަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. ދިރާސާތަކުން ދައްކާގޮތުގައި، މި ސަރަޙައްދުން 8،000 އަށްވުރެ ގިނަ ފަހަރު ފެހުރިހި ފެނިފައިވެއެވެ. އަދި 723 ފެހުރިހި ވަކިވަކިން ދެނެގަނެވިފައިވާއިރު، އަހަރުގެ ކޮންމެ ދުވަހަކުވެސް ފެހުރިހި ފެންނަ މި ސަރަޙައްދަކީ ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ މުހިންމު ތަނެކެވެ.