އުޒްބެކިސްތާން ބަލިކޮށް ކޮލަމްބިއާއިން ފެށުން ރަނގަޅުކޮށްފި

އުޒްބެކިސްތާން ކޮޅަށް ލަނޑުޖެހުމަށްފަހު ކޮލަމްބިއާގެ ޑިއާޒް އުފާފާޅުކުރަނީ
އުޒްބެކިސްތާން ކޮޅަށް ލަނޑުޖެހުމަށްފަހު ކޮލަމްބިއާގެ ޑިއާޒް އުފާފާޅުކުރަނީ

ފީފާ ވޯލްޑް ކަޕް 2026 ގައި ކޮލަމްބިއާ އެނބުރި އައި ފުރަތަމަ މެޗުގައި، ލުއިސް ޑިއާޒްގެ މޮޅު ކުޅުމާއެކު އުޒްބެކިސްތާންގެ މައްޗަށް 3-1 ގެ ނަތީޖާއަކުން ކޮލަމްބިއާ ކުރިހޯދައިފިއެވެ. މިއީ 2018 ވަނަ އަހަރުގެ މުބާރާތަށް ފަހު ވޯލްޑް ކަޕްގައި ކޮލަމްބިއާ ކުޅުނު ފުރަތަމަ މެޗެވެ. އަދި މިއީ އުޒްބެކިސްތާނުން ވޯލްޑް ކަޕްގައި ވާދަކުރި ފުރަތަމަ ފަހަރެވެ.

މެކްސިކޯގެ މެކްސިކޯ ސިޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ކޮލަމްބިއާއިން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން މެޗުގެ 40 ވަނަ މިނެޓުގައި ކޮލަމްބިއާއަށް ލީޑު ހޯދައިދިނީ ޑެނިއަލް މުންޔޯޒްއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ އެ ޓީމުގެ ތަރި ލުއިސް ޑިއާޒް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

ދެވަނަ ހާފު ފަށައިގެން އުޒްބެކިސްތާނުން ކުޅުން ރަނގަޅުކޮށް، މެޗުގެ 60 ވަނަ މިނެޓުގައި ނަތީޖާ އެއްވަރުކުރިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އައްބޮސްބެކް ފައިޒުލޭވްއެވެ. މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި އުޒްބެކިސްތާނުން ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. ނަމަވެސް އޭގެ ފަސް މިނެޓު ފަހުން ލުއިސް ޑިއާޒް ވަނީ ކޮލަމްބިއާއަށް އަލުން ލީޑު ހޯދައިދީފައެވެ. މިއީ ވޯލްޑް ކަޕްގައި ޑިއާޒް ޖެހި ފުރަތަމަ ލަނޑެވެ.

މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކޮލަމްބިއާގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޖެމިންޓަން ކަމްޕާޒްއެވެ. މި މޮޅާއެކު ކޮލަމްބިއާ އޮތީ ގްރޫޕް ކޭ ގެ އެއްވަނައިގައެވެ. މި ގްރޫޕްގައި ހިމެނޭ ޕޯޗުގަލް އާއި ކޮންގޯ ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެންނެވެ. މުބާރާތުގެ ކުރިއަށް އޮތް މެޗުގައި ކޮލަމްބިއާ ނިކުންނާނީ ކޮންގޯއާ ދެކޮޅަށެވެ. އަދި އުޒްބެކިސްތާން ބައްދަލުކުރާނީ ޕޯޗުގަލްއާއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ